ކޫއްޑޫގައި ގާއިމުކޮށްފައިވާ އެފްއެސްއެމް ތެޔޮ ސްޓޭޝަންތަކުގައި ކުރިން ޕަމްޕުތަކަށްވުރެ 5 ގުނަ ބޮޑު ޕަމްޕުތަކެއް ޤާއިމްކޮށްފިއެވެ.
ކޫއްޑޫއަކީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާ ކާރުހާނާ ހުންނަ ރަށެވެ. އެހެންކަމުން ގިނަ ދޯނިތަކަކުން ތެޔޮ ހޯދަން ބަރޯސާވަނީ ކޫއްޑޫއަށެވެ. ނަމަވެސް ތެޔޮ އެޅުމަށް ބަނދަރުކުރާ ކޫއްޑޫގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މަސްވެރިންގެ ކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ކޫއްޑޫގެ ތެޔޮ ސްޓޭޝަންތަކުގައި ކުރިން ބޭނުންކުރި ޕަމްޕުތަކަށްވުރެ 5 ގުނަ ބޮޑު ޕަމްޕުތަކެއް މިހާރު ޤާއިމްކޮށްފައެވެ އެގޮތުން ކުރިން ބޭނުންކުރަމުންދިޔަ މިނެޓަކު 30 ލީޓަރުގެ ތެޔޮ އެޅޭ ޕަމްޕުތަކުގެ ބަދަލުގައި، މިހާރު ވަނީ މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕްތައް ކޫއްޑޫގައި ޤާއިމްކޮށް، ޙިދުމަތްދޭން ފަށާފައެވެ.
ސަރުކާރުން ވިދާޅުވާގޮތުން މި ބަދަލާއެކު އެންމެ ބޮޑެތި މަސް ދޯނިތަކަށްވެސް 15 މިނެޓެއްހާއިރުން ތެޔޮ އެޅޭނެއެވެ.
ކުއްޑޫގައި ހުންނަ ތެޔޮ ސްޓޭޝަންތައް މިހާރު ހިންގަމުން އަންނަ ސަރުކާރުގެ ތެޔޮ ކުންފުނި، އެފްއެސްއެމްއިން ބުނީ މިދިޔަ ދުވަސްތަކުގައި ތެޔޮ ސްޓޭޝަންތައް ތަރައްޤީކޮށް، ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް އޭރުގެ މެނޭޖްމަންޓުންކޮށްފައި ނުވާކަމަށެވެ. އަދި އެތަންތަނުގެ މެއިންޓޭނަންސް މަސައްކަތް ކޮށްފައި ނެތުމަކީ ތެޔޮ އަޅަން ގިނައިރުތަކެއް ނަގާ ސަބަބުކަމަށްވެސް އެފްއެސްއެމްއިން ބުނެއެވެ.
އެފްއެސްއެމްއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ތެޔޮ ސްޓޭޝަންތަކުން ދޭ ޙިދުމަތްތައް އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ކުރިމަގުގައި ކޫއްޑޫގެ ތެޔޮ ސްޓޯރޭޖު ތަރައްޤީކޮށް، ހިދުމަތުގެ ފެންވަރުވެސް އިތުުރަށް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

