ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ކޯޓަށް، ފޮނުވާ މައްސަލަ އަވަސް ކުރުމުގެ ނިޒާމެއް ގާއިމް ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ ގެވެށިއަނިޔާގެ މައްސަލަތކުގައި އޮޓޮމެޓިކުން މިހާރު ސިޓީއެއް ފޮނުވޭގޮތަށް ހަދާފައިވާ ކަމަށެވެ.
އެހެންކަމުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންޞާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށްވެސް ޕީޖީން ބުނެއެވެ. އަދި އެ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށްވާތީ، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، އެ އޮފީހުގެ ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު ހުންނާނީ ހަމަޖައްސައިފައި ކަމަށްވެސް ބުނެފައި ވެއެވެ.
ޕީޖީން ބުނީ އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މަޢުލޫމާތު ދިނުމާއި، އޭނާއަށް އިންޞާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދޭ، ދިނުމާއި އެ ކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުން ކަމަށެވެ.
ޤާނޫނުގެ ވެސް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން ކަމަށާއި، ގެވެށި އަނިޔާގެ ޢަމަލަކާއި ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީޢަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން ކަމަށެވެ.
ކަން މިހެން އޮތުމުން ޕީޖީ އޮފީހުން ދަޢުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި، ޤާނޫނު ހުރި މުއްދަތުތަކާ އެއްގޮތަށް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، އެ ޤާނޫނުގައި ބުނާ ގޮތަށް ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީޢަތް ހިންގުން ކަމުގައި ވެސް ބަޔާންކޮށްފައި ވެއެވެ.
އެހެންކަމުން ހާއްސަ ގޮތެއްގައި މެދުކެނޑުމެއް ނެތި އެ މައްސަލައިގެ ޝަރީޢަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް އެ އޮފީހުން އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުން ކަމަށާއި، އެ މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެ ކަމަށް ބުނެއެވެ.
މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުން ކަމުގައިވެސް ވަނީ ބުނެފައެވެ.

