މާދަމާ އޮންނަ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމުގެ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި ފެށޭނެވެ. ޖަލްސާ ފައްޓަވައިދެއްވާނީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އެއަށްފަހު އެ ޖަލްސާގައި އޮންނާނީ ރިޔާސީ ބަޔާން އިއްވެވުމެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެއް އިއްވެވުން ލާޒިމެވެ.
އެ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމާ ގުޅޭ ސިޔާސަތުތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވަވަންވާނެ ކަމަށެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮންނާނެ ހަމައެކަނި މަސައްކަތަކީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެ ބަޔާން އިއްވަވައި ނިމުމުން ޖަލްސާވެސް ނިމުމަކަށް އަންނާނެއެވެ.
މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ މެންދުރުފަހު 2:00 ގައި ބާއްވަންވަނީ ތާވަލުކޮށްފައެވެ. އެޖަލްސާގެ އެޖެންޑާގައި ދެ ކަމެއް ހިމަނާފައިވެއެވެ. އެއީ މަޖިލީހުން ރުހުންނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ ޤަރާރާއި، ރަމަޟާން މަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެެވެ.
މަޖިލީހުގައި ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި މެންބަރުން ތަމްސީލުކުރައްވާ ޕާޓީތަކުގެ ތެރެއިން އިދިކޮޅު ޕާޓީގެ ލީޑަރު ރައްދުދެއްވުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ކަމެކެވެ.

