ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް” މިއަދު އުފައްދަވައިފިއެވެ.
“މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް”ގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް އުފެއްދެވީ، ކުންފުނީގެ ޤާނޫނު ދަށުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިކަން އިޢުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާއެއގެ ދަށުން އިއްޔެ އެވެ.
އެ ކުންފުނި އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ.
މީގެ އިތުރުން ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެއެވެ.

