ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ސަރުކާރުންތިބީ ދޫދޭގޮތަކަށް ނޫންކަމަށް ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް އެމަނިކުފާނު ރިޔާސީ ބަޔާން އިއްވުމަސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާާޅުވީ ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ސަރުކާރުން ތިބީ ދޫދޭގޮތަކަށް ނޫން ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު އެ ގެންދަވަނީ ވަރަށް ހަލުވިކަމާއެކު ކުރައްވަމުން ކަމަށެވެ.
ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު އެ ގެންދަވަނީ ވަރަށް ހަލުވިކަމާއެކު ކުރައްވަމުން- ރައީސް
ރައީސް ޑރ. މުއިއްޒުގެ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ އެމަނިކުފާނު ހަވާލުވިއިރު، ވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

