ދިވެހިރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމަށް ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިޔުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވައި ރައީސް ޑރ. މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ އެއްގަމާ، ކަނޑާ، ވައިގެމަގުން ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށާއި އެކަން ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލު ރައްކައުތެރިކުރުމާއެކު، ޤައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުޞޫލަކީ، ދިވެހީންނަށާ ދިވެހި ޤައުމަށް އިސްކަން ދިނުން ނުވަތަ "ޕްރޯ މޯލްޑިވްސް" ގެ ސިޔާސަތު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަހުލާގާ ސުލޫކު މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

