ދިވެހި ކަނބަލުން ވިޔަފާރީގެ މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު އަންނަ މާޗު މަހު ދޫކުރަން ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މުޢިއްޒު ވިދާޅުވީ ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް މި އަހަރު ދޭނެ ކަމަށެވެ.
ވަކީން ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެފަދަ ވިޔަފާރިތަކަށް ބޭނުންވާނެ ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ކަނބަލުން ވިޔަފާރި މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު ކުރިޔަށް މިއޮތް މާރިޗު މަހުގައި ދޫކުރަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގޮތުގައި އޭގެ ތެރެއިން %25 ޚާއްޞަ ކުރެވިގެން ދާނީ ކަނބަލުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. އަންހެނުން، އިޤުތިޞާދީ ގޮތުން ބާރުވެރި ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން “ހަމަހަމަކަން ކަށަވަރު” ނިޝާން ނުވަތަ “ޖެންޑަރ އިކުއޭލިޓީ ސީލް”ގެ ނަމުގައި ނިޝާނެއް ވަނީ ތަޢާރަފް ކުރެވިފައި ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ އުމުރުފުރައެއްގެ ހުރިހާ ގިންތިއެއްގެ ދިވެހީންނަށް ވެސް އާމްދަނީގެ ފުރުޞަތުތަކާ ވަޒީފާގެ ފުރުސަތު އުފައްދައިދޭނެ ކަމަށެވެ.
ދިވެހީންނަށް ވަޒީފާ އަދާކުރަން އޮތް ފުރުޞަތު ފަހިކުރުމުގެ ގޮތުން މިހާރުވެސް ވާނީ، ދިވެހީންނަށް އެކަނި ވަޒީފާ އަދާކުރެވޭނެ 22 ދާއިރާއެއް ކަނޑައަޅާފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

