ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ރިޔާސީ ބަޔާނުގައި ރައްޔިތުންނާއި މުޙާތަބު ކޮށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ މި ވެރިކަމުގައި ސިޔާސީ މުވައްޒަފުންނާއި އަދި މިނިސްޓްރީތަކަށް ވައްދަމުންދާ މުއައްޒަފުން ގިނަވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ގިނަބަޔަކު ފާޅު ކޮށްފައެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާލުވީ "މަތި ލުއި" ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ކުރީ ސަރުކާރަށްވުރެ މަދުވާނެ ކަމުގައެވެ.
ނަމަވެސް ރައީސް މުއިއްޒުގެ މި ވެރިކަމުގައި އެންމެ ދެމަސް ދުވަހުގެ ތެރޭގައު މިނިސްޓަރުން ފެންވަރުގެ 45 ބޭފުޅަކު އައްޔަންކޮށް، 91 ސްޓޭޓް މިނިސްޓަރުންނާއި، 163 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވާފައި ވެއެވެ.

