މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން ) ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސައިޒަށް ތިރިކޮށް، އެ ޕާޓީ ޓިކެޓް އަތުލައި މެމްބަރު ކަމުންވެސް ވަކިކޮށްފިއެވެ.
އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލު ކުރަމުންގޮސްފައިވާ ކަމަށެވެ.
އެމްޑީޕީގެ މެމްބަރުކަމުން ޖާބިރު މިއަދު ވަކި ކުރި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާއަށް ޖާބިރު ވަނީ ހާޒިރު ވެފައެވެ. ޖާބިރު މި ޖަލްސާއަށް ވަޑައިގެންފައިވާއިރު، އެމްޑީޕީން ވަނީ މި ޖަލްސާ ބޮއެކެޓް ވެސް ކުރައްވާފައިވާކަން ވެސް އިއުލާނު ކުރައްވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެމްޑީޕީން ހާޒިރު ވެފައިވަނީ މެމްބަރު ޖާބިރާއި މަޖިލީހުގެ ނައިބު ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
އެމްޑީޕީން ބުނީ ޖާބިރުގެ މި އަމަލަކީ ޕާޓީ މެމްބަރުންގެ ކަންބޮޑުވުން އޮތް ޢަމަލެއްކަމުގައިވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައި ކަމަށްވެސް ބުނެފައި ވެއެވެ.
ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނު ކަމުގައި ވީނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައި ވީނަމަވެސް ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައެވެ.

