ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް “އައްސޭރި ޓޫރިޒަމް” މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް މިއަރުގެ ރިޔާސީ ބަޔާނު އިއްވަމުންނެވެ. ރައީސް ފާހަގަ ކުރެއްވީ ޓޫރިޒަމް އަށް ހުރި ފަހި ފުރުސަތުތައް އެންމެ ފުރިހަމަ ކަމާއިއެކު އައްޑޫ އަށް ލިބޭނެ ގޮތް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިޔުން ކަމަށެވެ. އަދި ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން ކަމަށާއި، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަ ކުރެއްވީ މިފަދަ ތަންތަން ތަރައްޤީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗަރކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރެވިގެންދާނެ ކަމަށެވެ. އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރެވޭނެ ކަން ފާހަގަ ކުރައްވާ ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް “އައްސޭރި ޓޫރިޒަމް” މަޝްރޫޢެއް އެކުލަވާލައި އިފްތިތާޙުކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުގައި ވިޒިޓަރ އިކޮނޮމީ ކައުންސިލެއް އުފައްދާނެ ކަމަށާއި، ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމައްޓަކާއި، ބައިނަލްއަޤްވާމީ ބޮޑެތި މަހާސިންތާތަކާ ޙަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމް ތަޢާރަފްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާއާ ސަގާފަތާއި ތަރިކައިގެ ދާއިރާއާ ޞިއްޙީ ދާއިރާއާ ތިމާވެށީގެ ދާއިރާގެ ތެރެއިންވެސް ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރަން ފަށާފައިވާ ކަމަށާއި، މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

