އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުަޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫ އަށް ވަޑައިގެންފިއެވެ.
މީގެ ކުރިން ރައީސް ވިދާޅުވެފައިވަނީ އަތޮޅުތެރެއަަށް ފުރަތަމަ ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނަވާނީ ގުރައިދޫ އަށް ކަމަށެވެ. އެގޮތުން ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަށް ކަމުގައި ވިދާޅުވެފައެވެ.
ތ. ގުރައިދޫއަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގެންނެވި ރަށެވެ. އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު އެ މަނިކުފާނަށް ލިބިވަޑައިގަތެވެ.
ރައީސް ގެ މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ އެކި ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އެރަށްރަށުގެ ރައްޔިތުންނާ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާނެއެވެ.
ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން ކަމަށާއި، ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި އެމަނިކުފާނު ކުރިންވެސް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި، އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅު ވެފައިވެއެވެ.

