ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ފެބްރުއަރީ 3 ވަނަ ދުވަހު ޕްރޮޖެކްްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މާފުށީ ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތްތަކުގެ ނިމިފައިވަނީ 70 ޕަސެންޓް ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުންވެސް ހިމެނެއެވެ.
މިގޮތުން 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނިފައިވާ ކަމަށް އެ ކުންފިނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.
މި މަޝްރޫޢަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓިސީސީން ވަނީ ފާހަގަ ކޮށްފައެެވެ.

