ލޯބީގެފަސާނާ – 1
(ކޮންމެ ހަފުތާއެއްގެ އެއް ދުވަހު ހުވަދޫނޫހުން ގެނެސްދޭ ހުވަދޫފަސާނާ ފުރަތަމަ ވާހަކަ އަށް މަރުހަބާ!
މިއީ އެކި ފަރާތްތަކުގެ ހަޔާތުގެ އެކިއެކި ފަސާނާ ތަކެވެ. ހަގީގީ ވާހަކަ ތަކެވެ. ދިރިއުޅުންތަކުގެ ތަޖުރިބާތަކާއި ތަކުލީފާއި ކެކުޅުމާއި އެކި ތަފާތު އިހްސާސްތަކުން ފުރިފައިވާ އެކިކަހަލަ ހަގީގީ ފަސާނާތަކެކެވެ. އެހެން ނަމަވެސް ބޭނުން ކޮށްފައިވާ މީހުންގެނަންތަކާއި ރަށްރަށާއި، ތަންތަނުގެ ނަންތަކަކީ އަސްލު ނަން ތަކެއް ނޫނެވެ!)
މިއިން އެއްވެސް ފަސާނާއެއްގައިވާ ހާދިސާއަކާ އެއްވެސް ފަރާތެއްގެ ހަޔާތާ ގުޅުމެއް ވާނަމަ އެއީ ހަގީގަތުގައިވެސް އިއްތިފާގެކެވެ.
*** * ** *** **
ހުރިހާރަނެއްނުވިދާނެ؛ ކަޅަސް ދޮނަސް އަނބި ރީތީ ހެވިއްޔާ، ލޯބި ދިނިއްޔާ!
އަހަންނަކީ ރާއްޖޭގެ ދެކުނުގެ ބޮޑު ރަށެއްގެ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެންމެ ފިރިހެންދަރިފުޅެވެ. އެހެންކަމުން އަހަރެން ބޭނުން ހުރިހާ އެއްޗެއް އަބަދުވެސް އަހަންނަށް ލިބުނެވެ.
އުމުރުން ހަމ އެންމެ ފަނަރަ އަހަރުގައި އަހަރެންގެ ބައްޕަ އަހަރެން ޔޫކޭއަށް ފޮނުވީ ކިޔަވަން ރާއްޖޭގެ ތައުލީމަށްވުރެ ބޭރުގެ ކިޔެވުން މާ ރަނގަޅުވާނެ ކަމަށް މަންމައާއި މަޝްވަރާ ކުރުމަށްފަހުގައެވެ. ތައުލީމީ ހަޔާތާއެކު އަހަރެންގެ ފުރާވަރުގެ އުމުރުވެސް ހޭނިގެންދިޔައީ އެތަނުގެ ވައްޓަފާޅިއަށާއި ހުޅަނގުގެ ތަހުޒީބަށެވެ.
މުއްސަނދިންނަށް އެއްވެސް ކަމަކުން ހާސްކަމެއް ދައްޗެއް ކުރިމަތިނުވާނެ ކަމަށް އަހަރެން ގަބޫލު ކުރީމެވެ. އަހަރެންގެ ފޮތުގައި ލޯތްބާއި ވަފާތެރިކަމާއި ލަދުވެތިކަމޭ މިކިޔާ އެއްވެސް ލަފުޒެއް ނޯވެއެވެ. އެއީ އަހަންނަށް މުހިންމު ބަސްތަކެއްވެސް ނޫނެވެ. ޒުވާން ވަމުން އައިއިރު އަހަރެންގެ ގިނަ އަންހެން އެކުވެރިން ތިއްބެވެ. ހައްތަހާވެސް ރީތި ފުރިހަމަ ކުދިންނެވެ. ދޮން ޖަންބެއްކަހަލަ ފިނިފެންމަލެއްހާ ތާޒާ ކުދިންނެވެ.
އަހަރެންގެ މަންމައާއި ބައްޕައަކީ އުނޑާއި ބިމުގެ ތަފާތު ދެމީހުންނެވެ. މަންމަގެ ވިސްނުމާއި ފިކުރާއި ހިޔާލު އަހަންނާ އެއްގޮތެވެ. އެހެންނަމަވެސް ބައްޕައަކީ އަބުއި މިޒާޖެއްގެ މީހެކެވެ. އަހަރެން އަބުއި މި މާނަކުރީ ހަގީގަތުގައި ބައްޕަގެ އީމާންތެރިކަމާއި ހަރުދަނާ ކަން އަހަންނަށް މާނަ ކުރެވޭ ގޮތަށެވެ. ތައުލީމު ހާސިލު ކުރަން އަހަރެން ބޭރަށް ފޮނުވި އިރުވެސް ބައްޕަގެ ހޮވުމަކީ ސައުދީ އަރަބިއްޔާއެވެ. މިސްރެވެ. އެކަމަކު މަންމަގެ ހޮވުމަކީ ލަންޑަނެވެ. އަދި އަހަރެން ހެދިބޮޑުވީ އެތަނުގައެވެެ.
މާލެ އައުމަށްފަހު ރަށަށް ދިއުން ވީ އަހަންނަށް ލިބުނު ބޮޑު ވޭނަކަށެވެ. ބައްޕަގެ ހަމަހިމޭން ކަމުގެ ކުރިމަތީގައި މަންމަގެ ހަރުކަށި ބަސްތައް އިވުން އަހަންނަށް އަލެއް ނޫނެވެ. އެކަމަކު އަހަރެންގެ ކައިވެންޏާ ހަމައަށް ކަންތައް ގޮސްފައި އޮތް ކަމާއި އެކަމާ މަންްމަ މެދުނުކެނޑި ބައްޕައާ ޒުވާބު ކުރާކަން އެނގުނީ ރަށަށް ދެވުމުންނެވެ.
ލަންޑަނުގައި ހުރިއިރު އަހަރެންގެ އެތައް އެކުވެރި އަންހެން ކުދިންނެއް އަހަންނާއެކުގައި އަހަރެން ހުންނަ ގޭގައި އުޅެނިކޮށް މަންމައަށްވެސް ބައްޕައަށްވެސް ވާނީ ފެނިފައެވެ. އަހަރެންގެ އުޅުން ހުރީ ކިހާ ހިސާބަކުން ކިހާ ހިސާބަކަށް ގޮސްފައިކަން ބައްޕައަށް އެނގުމުން އަވަހަށް އަހަރެން މީހަކާ ކައިވެނި ކުރުވަން ތެޅެން ފެށީއެވެ.

އަނތްބަކުރީތިވަނީ އޭނާގެ ރީތިއަހުލާގާއި ހުލްގާއި ލޯބީގެ ނަލަ ސިފަތަކުންނެވެ….ފޮޓޯ: ޝަޓަސްޓޮކް
މަންމައަކީ އަހަރެންގެ ގޮޑިކޮއްކޮއަށް ވިޔަސް މިފަހަރު އަހަންނަށްވެސް މަންމައަށްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް ބައްޕަ ހަރުކަށި އަމުރު ނެރެފިއެވެ. އަހަރެން ބައްޕަގެ ދަރިއެއްކަމުގައި ވަންޏާ އެކައިވެނި ކުރަން ޖެހޭނެކަމަށް ބުނެ މަންމައަށްވެސް ދިނީ ހަރުބަހުން އިންޒާރެކެވެ. މަޖުބޫރުން އަހަރެން އެކައިވެންޏާ އެއްބަސްވީ ވަރަށް ނުބައި ރޭވުމެއް ސިކުނޑީގައި ރާވަމުންނެވެ.
ތާހިރާއަކީ ހަމައަސްލުވެސް ތޯހިރުކަމާއި ސާފުކަމުގެ މިސާލެކެވެ. އެކަމަކު އޭނާގެ ގައިގެ ކަޅު ކުލައާއި ދިގު އިސްތަށިގަނޑު އަހަންނަކަށް ކަމަކު ނުދެއެވެ. ކަޓު އަތްދިގު ހެދުންތަކާއި ބުރުގާ ތަކުން އަހަރެންގެ މޭ ނުބައި ކުރާ ގޮތްވެއެވެ. އެއްވެސް މޭކަޕެއް ނުކޮށް ހުންނައިރު ވެސް އޭނާގެ ކަޅުކަންގަދަ ލޮލުގެ ކަޅިއާ އަނދުނަކާ ނުލައިވެސް ވިދުން ހުންނަ ދިގު އެސްފިޔަތައް ކިތަންމެ ރީއްޗަސް އެކަޓު އަންހެންމީހާގެ ކަޅު މޫނު އަހަރެންގެ ރޭތައް މަހުރޫމު ކުރެއެވެ.
ރާވާފައިވާ ރޭވުމާ އެއްގޮތަށް މަންމަގެ ބޮލަށް ޗިޕެއް ޖަހައިފީމެވެ. 500 ޖީބީގެ ބޮޑު ޗިޕް މަސައްކަތް ކުރިއެވެ. މަންމައަކަށްވެސް ތާހިރާ ކަމަކު ނުދެއެވެ. މީހުން އޭނާގެ ކަޅުކުލައިގެ ވާހަކަ މަންމައާ ދިމާއަށް ގޮވާތީ އެކަމާ މަންމަ ހުންނަނީ އޭނާދެކެ ނުހަނު ފޫހިވެފައެވެ.
ބައްޕަ އެފްރިކާގެ ކޮން ޖަންގައްޔަކުން ގެނައި ކާކުކަމެއްވެސް ނޭނގެއެވެ.
ކައިވެނީގެ ފުރަތަމަ ރޭ އަހަރެން ތާހިރާއަށް ވިސްނައިދީފީމެވެ. އަމުރުކޮށް ބިރު ދެއްކީމެވެ. އަދި ހަމަ މަހެއްހާ ދުވަސް ތެރޭގައި އެންޖެލީނާ ރާއްޖެ ގެނެސްފީމެވެ. ބައްޕައަކަށް ކުރެވުނު ކަމެއް ނެތެވެ. ނުވަތަ ތާހިރާ ގެއަށް ގެނައުމަށްފަހު ދެން އަހަރެން ކޮންމެ ކަމެއް ކުރިއަސް ބައްޕައަށް ވަރިހަމަ ކަހަލައެވެ.

އެންޖެލީނާއަކީ ކްރިސްޓިއަނެއް ކަމުން އޭނާއާ ކައިވެނި ކުރާކަށް ދައްޗެއް ނުވިއެވެ. ތާހިރާ ނިދަނީ ވަކިން ކުޑަ ކޮޓަރީގައެވެ. އެހެން ނަމަވެސް އަހަރެންގެ އަދި އެންޖެލީނާގެ ވެސް ހުރިހާ ކަމެއްހެން ކޮށްދީ ބަލަހައްޓަނީ އޭނަ އެވެ.
އުފާވެރިކަމާއެކު ނުހަނު ފޮނިކޮށް އުޅެމުން ދިޔަ އަހަރެންގެ ހަޔާތުގެ އަލިކަން ކުއްލިއަކަށް ގެއްލެން ދިމާވީ ހަމަ އެންމެ ފަސްމިނެޓުގެ ދަތުރެެކެވެ.
އެންޖެލީނާއަށް ދޭން މާބޮޑިއަކާއި ބޮޑު ހަދިޔާއެއް ހިފައިގެންއަހަރެން ގެއަށް ދިއުމަށް ނުކުމެ ސައިކަލަށް އަރައި ދުއްވާލީ ބައްޕައާ އެކުގައި ފިހާރައިގައި އިންދައި އޭނާގެ މެސެޖެއް އައުމުންނެވެ. އެމެސެޖުގައި އޭނަ ބަލިވެ އިންކަމަށް ޓެސްޓު ކިޓުން ދެއްކި ވާހަކަ ފެނިފައި އަހަރެންގެ ހުރިހާ ހިއްސެއްހެން އުދުހިގެން ދިޔަ ކަހަލައެވެ.
އުދުހިގެންދިޔަ ހިއްސުތަކާއެކު ސައިކަލްވެސް އުދުހެން ބޭނުންވެގެން ދުއްވި އަހަރެންގެ ކުރިމައްޗަށް ބަސް ނުކުތީ ކޮން ދިމާއަކުން ކަމެއް އަހަންނަކަށްވެސް ނޭނގެއެވެ. ދެން ފެނުނީ ލޮލުގެ ބޮނޑިމަތިން ފޭބި ރަތްކުލައިގެ ލޭގެ ކޯރެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ ލޯ މެރި ހަބަރު ހުސްވެއްޖެއެވެ.
އަހަރެންގެ ކަނާތު ފައި އޮތީ ޗިސްޗިސް ވެފައެވެ. ބޮޑެތި އޮޕަރޭޝަން ތަކާއި ގަދަފަދަ ފަރުވާތަކަށްފަހު ވެސް އަހަރެންގެ ފިސްވި ފައި ކުރިން ހުރި ފަޔަކަށް ނުވިއެވެ.
އެންޖެލީނާ އެދުވަސްކޮޅު މުޅި ގޭގައި ހަނގުރާމަ ކޮށް ހަޅުތާލު ހެދިއެވެ.
އޭނާ މައިތިރި ކޮށްލަން ތާހިރާ ކުރީ ކީއްކަމެއް ނޭނގެއެވެ. އަހަރެމެންގެ ދަރިފުޅު އެބޯޓް ކޮށްލައި ގޭތެރޭގައި އޭނާ ވެރިކަން ކުރަމުން ދިޔައީ އަހަރެން ނުހަނު ހާލު ދެރަވެފައި އެގައުމުން މިގައުމުން އެހޮސްޕިޓަލުން މި ހޮސްޕިޓަލުން ތެޅުނު އިރު އެންމެ ކުޑަމިނުން އެއްފަހަރުވެސް އަހަންނާއެކު އެއްވެސް ތަނަކަށް ދިއުމާވެސް ފާޅުގައި ދެކޮޅު ހަދާފައެވެ.
އަހަރެން އެންޖެލީނާ ވަރިކުރީ ދެން ކުރާނެ ކަމެއް ނެތިގެންނެވެ. އަހަރެންގެ މުސްކުޅި ބައްޕަގެ މުދަލުން ބޮޑު ބައެއް އޭނާ އެދުނީ އެނބުރި ގައުމަށް ދިއުމުގެ ކުރިން އޭނާއަށް ނުލިބިއްޖެނަމަ ކަންތައް ގޯސްވާނެ ކަމުގެ ބިރުދަައްކާފައެވެެ.

އަނބިމީހާއަކީ ގޭގެ ވެރިޔާއެވެ. ގޭގެ ކަންކަމަށް އަމާނާތްތެރިވެ ބަލަހައްޓާ އިހްލާސްތެރިޔަކަށް ނޫނީ އެމަގާމުހައްގެއް ނޫނެވެ…..ފޮޓޯ: އައިސްޓޮކް
އެދުވަހު އަހަންނަށް އަހަރެމެންގެ ގޭގެ ސިޓިންގރޫމް ތެރެއިން ފެނުނީ ގަމާރު ކަޓު ތާހިރާއެއް ނޫނެވެ. ސީދާ ސާފު އިނގިރޭސި ބަހުން އޭނާ އެންޖެލީނާއާ ދިމާއަށް ގޮވި އެއްޗެހި އިވިފައި އަހަރެންގެ ހިތާއި ސިކުނޑިއަށް ނޭނގޭ އުފަލެއް އިހުސާސް ވީ ކީއްވެގެންކަމެއް ނޭނގެއެވެ.
"އޭހ މިހިރަ ގޮތްކުޑަ އަންހެނާއެވެ. ކަލޭ އަހަރެންގެ މަންމައާއި ބައްޕަގެ މުދަލުން ބައެއް ހޯދަން ތިގޮވަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ. ކަލޭ ތީ މިހާރު މިއާއިލާއާ ބެހޭ މީހެއް ނޫނެެވެ. ކަލޭގެ ފުރުމުގެ ހުރިހާ ކަމެއް އޮންނާނީ ހަމަޖައްސާފައެވެ. ރަހީމްބޭބެ ކަލޭ ގޮވައިގެން އެއާޕޯޓަށް ގޮސް ކަލޭގެ ޕާސްޕޯޓާއި ޓިކެޓް ހަވާލުކޮށްދޭނެއެވެ. އެވަރުކޮށްދިނީތީވެސް އުފާކުރާށެވެ. އެހެންނޫނީ ދަމާކޫއްތާފައި މިގެއިން ނެރޭކަން ފަސް ނުޖެހޭނެކަން ހަނދާން ކުރާށެވެ. ކަލެއަށް އަހަރެންގެ ފިރިމީހާއަށް އަހުވަ ދައްކާނެހާ ދުވަހަކު ދައްކާ ނިމުނީއެވެ. ދެންވެސް އަވަހަށް އަންނައުނުކޮޅު ހިފައިގެން މިގައުމުން ފެއްސޭށެވެ. ކަލޭގެ ދޮންކުލައާއި ރަންއިސްތަށިގަނޑު މިގޭގެ ބަދިގޭގެ އަތްދުތަކަށްވެސް ކަމަކުނުދާނެއެވެ."
*** *** *** ***
އޭގެ އަހަރުތަކެއް ފަހުން މިއަދު އެތައް އޮޕަރޭޝަންތަކަކާއި ރަނގަޅު ފަރުވާއަކަށްފަހު އަހަރެން މިއީ ހަމަ ކުރީގެ ވެސް ސިއްހަތު ސަލާމަތުން ހުރިމީހާއަށް ބަދަލުވެއްޖެއެވެ.
ވޭތުވެދިޔަ ހުރިހާ ދުވަހަކު އަހަރެންގެ ގާތުގައި ފޫހިކަމެއް ނެތި އިން އަހަރެންގެ އަލަތު އަނބިމީހާއަކީ ކިހާ ރީތި ކިހާ ފުރިހަމަ އަންހެނެއްކަން އެނގުނީ އޭނާއާއެކު ހަޔާތުގެ ދަތުރުގައި ކުރިއަށް ދިއުމަށް ފެށިފަހުންނެވެ. މިއަދު އަހަރެންގެ އާއިލާ ފުރިހަމަވެއްޖެއެވެ. މީހުން ބުނަނީ ތެދެކެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ.
ރީތި ކޮންމެ އެއްޗެއް މޮޅެއް ނުވާނެއެވެ. އަދި ރަގަޅެއްވެސް ނުވާނެއެވެ. ހަމައެގޮތަށް ހުރިހާ ރަނެއް ނުވިދާނެއެވެ. ތާހިރާގެ ގައިގައި ދޮންކުލައެއް ނެތަސް އޭނާއަކީ ކަޅު އަދި މޭކަޕާއި ވިދުމުން ރީތިނުވާ އާދައިގެ ގޮތަކަށް ހުންނަ އަންހެނަކަށްވިޔަސް އެެއީ ހަމަ ޖަވާހިރެކެވެ. އަގު ނުކުރެވޭވަރުގެ ރަންގަނޑެކެވެ.
(ނިމުނީ)
(އެހެން ހާދިސާއެއް ހޮނިހިރު ދުވަހު ގެނެސްދެވޭނެއެވެ.)

