ވޯލްޑް ބޭންކުން ދެމުންގެންދާ އެހީ އާއި އެއްބާރުލުން މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް މަރޓިން ރެއިސަރ ދެއްވައިފިއެވެ.
މަރޓިން މިޔަޤީންކަން ދެއްވީ ރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ދަތުރުގެ ތެރޭގައެވެ.
ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް މަރޓިންވަނީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކަށް ސަމާލުކަން ދިނުމާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އިޤްތިޞާދީ ލޮޅުންތަކާއި މޫސުމީ ގޮތުން ކުރިމަތިވާ ކަންކަން ގުޅިލާމެހިފައިވާ ކަމަށް ވިދާޅުވެ، އިންވެސްޓްކުރާއިރު، އިޤްތިޞާދަށާއި ތިމާވެއްޓަށް ގެއްލުން ކުޑަވާނެގޮތަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓްރެސްޓް ރޭޓު މަތިވުމާގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން މާޓިން ވަނީ ފާހަގަކުރައްވާފައެވެ.
“ދިވެހިރާއްޖެއިން މިވަނީ ފާހަނގަކުރެވޭ މިންވަރަށް ކުރިއެރުން ހޯދާފައި. މިގޮތުން ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމު ޚިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުން ނަތީޖާ ހާސިލުކޮށްފައިވާ ކަމީ ފާހަނގަކުރަންޖެހޭ ކަމެއް”. މާޓިން ވިދާޅުވިއެވެ.
ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން ފެބްރުވަރީ 6 ވަނަ ދުވަހު ނެރުނު، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓުން ދައްކާގޮތުން ދިވެހިރާއްޖޭގެ އިންސާނީ ކެޕިޓަލް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގައެވެ. އެހެންކަމުން ކުރަން މުހިންމު ހޭދަތައް ތަރުތީބުކޮށްގެން އިސްކަންދޭ ތަރުތީބަކުން ހޭދަކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމާއި، ރަށްރަށުން ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. މިމަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވަރލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ވައިސް ޕްރެޒިޑެންޓް މަރޓިން ވަނީ ވިދާޅުވެފައެވެ.

