ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް އަންނަ މާރޗް މަހު ފުރަތަމަ ހަފްތާގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ގެ އައްޑޫ ޕޯޓުން ބަންކަރިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވީ " ޕީއެސްއެމްގެ " ރާއްޖެ މިއަދު ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޖީހު ވިދާޅުވީ އެބޭފުޅުން އައްޑޫ ޕޯޓަށް ބަދަލުތަކެއް ގެންނާނެކަމަށާއި، މިހާރުވެސް އެމްޕީއެލްގެ ޓެކްނިކަލް ޓީމެއް އެޕޯޓުގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މިވަގުތު އެޕޯޓުގައި ކުރަމުންދަނީ ބަންކަރިންގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. ފެންހޮޅި ލުމާއި، ތެޔޮއެޅުމަށް ހޮޅި ލައިން އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
އަދި ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ މަސައްކަތްތަކާއި ތައްޔާރީތަކެއް އެޕޯޓުގައި ވަމުންދާ ކަމަށެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށާނީ ފޭސްތަކަށް ބަހާލައިގެން ކަމަށެވެ. އަދި މަޑުމަޑުން ހިދުމަތް ފުޅާކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. މިވަގުތު ފަށާ ހިދުމަތުންވެސް އެ ސަރަހައްދުގައި ދަތުރުކުރާ ބޯޓުފަހަރު ތަކަށް ބޭނުންވާ ތެލާއި، ފެނާއި މީގެ އިތުރުން ބޯޓުފަހަރަށް ބޭނުންވާ ކާބޯތަކެތި ވެސް މިހިދުމަތުގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށެވެ.

މިހިދުމަތުގެ ތެރެއިން ހުޅުމީދޫ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނި ހުޅުމީދޫން ކަމަށާއި ފެށޭ ހަފުތާގެ ތެރޭގައި މުވައްޒަފުން ނަގައި ޓްރެއިނިންގ ދީ މާޗް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށެވެ.
މިއީ މުޅި އައްޑު އަތޮޅަށް އަންނާނެ ބޮޑު ކުރި އެރުމެއް ކަމަށާއި، އައްޑޫ ޕޯޓު ތަރައްޤީކޮށް މިފަސް އަހަރުގެ ތެރޭގައި އައްޑޫ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދައުރުގެ ތެރޭގައި ތަރައްޤީގެ ގިނަ މަޝްރޫއު ތަކެއް ހިނގާނެ ކަމަށާއި އަދި މިފަސް އަހަރު ވެގެންދާނީ ރާއްޖޭގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫއު ތަކެއް ހިންގާ ފަސްއަހަރަށް ކަމަށެވެ.

އެހެންކަމުން އެމްޕީއެލުން ވެސް އަންނަ ކުރިއެރުމާއި އެއްވަރަށް ކުންފުނި ތަރައްޤީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

