ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ޖާބިރަށް ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރުކުރުމާއި މެދު ގޮތްތަކެއް ނިންމުމަށް ކުންފުނިން ފަށައިފި އެވެ.
މިފަދައިން މޯލްޑިވިއަންއިން މަސައްކަތް ފެއްޓެވީ އެ ކުންފުނީގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ވަރަށް ހުތުރު ބަހުރުވައިން ޖާބިރު މުއާމަލާތްކުރެއްވުމާ ގުޅިގެންނެވެ. ޖާބިރު ޕައިލެޓާއި ފަޅުވެރިންނާ ދިމާލަށް އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި މޯލްޑިވިއަންގެ ޕައިލެޓާ ދިމާލަށް ބޭއަދަބީ ބަހުރުވައިން ހަޅޭއްލަވައި، އޭނާގެ އާއިލާއާ ގުޅުވައި ހުތުރު އިބާރާތްތައް ޖާބިރުވަނީ ބޭނުންކުރައްވާފައެވެ.
ހުވަދޫ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ޖާބިރުގެ މިއަމަލާ ގުޅިގެން މޯލްޑިވިއަންގެ އެއްވެސް ފުލައިޓަކުން ޖާބިރަށް ދަތުރުކުރެއްވުން އެއީ އެންމެ ރަނގަޅު ގޮތްތޯ ބަލަމުން އަންނަ ކަމަށެވެ.
އޭވިއޭޝަން އިންޑަސްޓްރީގައި ޕައިލެޓުންނާއި ފަޅުވެރިންނާމެދު އިހާނެތިކޮށް މުއާމަލާތްކުރުމަކީ އެ ކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފަސިންޖަރަކަށް ދަތުރު ނުކުރެވޭނެ ގޮތަށް ނިންމުން އެއީ ވަރަށް ދިގު ޕްރޮސެސްއެއް. މީގަ ބަލަންޖެހޭ ބެލުންތައް ހުންނާނެ. ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާނެ ތަހުގީގު ކޮށްދިނުމަށް. އޭގެ ފަހުން ގޮތް ނިންމާނީ- މޯލްޑިވިއަންގެ އޮފިޝަލް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރެއްވީ ޖާބިރެވެނަ.
ނަމަވެސް ބޭއަދަބީ ބަހުރުވައިން އާންމުންނާ މުޚާޠަބުކުރައްވާ މައްސަލާގައި ޕާޓީން ވަކިކޮށް ޖާބިރަށް ދިން ޓިކެޓު އަތުލުމަށް އެމްޑީޕީންވަނީ ނިންމާފައެވެ.
ޖާބިރަކީ މަޖިލީހުގައާއި މަޖިލީހުން ބޭރުގައި ބޭއަދަބީ ބަހުރުވަ ބޭނުންކޮށް މީހުންނާ ދިމާލަށް ވަރަށް ހުތުރު ބަހުރުވައިން މުޚާޠަބުކުރައްވާ ބޭފުޅެކެވެ. އެ މައްސަލައަކީ ޖާބިރު މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިންވެސް ފެންމަތިވެފައިވާ މައްސަލަތަކެކެވެ.

