މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ނުވަހާހެއްހައި ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިހާތަނަށް ރާއްޖެއަށް އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު 8,900 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހު 8,032 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއަހަރުތެރޭގައި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީި ޖެނުއަރީ 13 ގައެވެ. އެއީ 7,703 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 236,730 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެއީ 28,304 ފަތުރުވެރިންނެވެ. 23,749 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނައިގައި އިޓަލީވިލާތް އޮތް އިރު ތިންވަނައިގައި އޮތް ރަޝިޔާއިން 21,399 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

