މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ މުވައްޒަފުންނަށް ކެންސަރ ސްކްރީނިން ޕްރޮގްރާމެއް ބުދަ ދުވަހު ބާއްވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލް އާއި އެމް.ޕީ.އެލް ގުޅިގެން ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ކެންސަރު ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ މި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކެންސަރު ބަލީގެ ހޭލުންތެރިކަން އިތުރުވުމާއި، އެ ބަލިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތުތައް ދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.

ކެންސަރ ސްކްރީނިން ޕްރޮގްރާމްގައި މި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

މީގެ ކުރިންވެސް އެމްޕީއެލް މުވައްޒަފުން ވަނީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް ލޭ ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ނޫނީ ކުރެވިދާނެ މަސައްކަތްތަކާއި ގުޅިގެން ވަނީ އެކިއެކި ވޯކްޝޮޕްތައް ބާއްވާފައެވެ.
އެމްޕީއެލް ފާހަގަވެގެން ގޮސްފައިވަނީ އިޖްތިމާއީ އެކިއެކި ރޮނގުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވާ ނަމޫނާ ކުންފުންޏެއްގެ ގޮތުގައެވެ.

