ބަންގްލަދޭޝްގެ އެތެރޭގެ ކަންކަމާއި އިންތިހާބުތަކަށް ނުފޫޒް ފޯރުވަމުންދާތީ އެގައުމުގައި ބޭނުންކުރާ އިންޑިއާގެ ތަކެތި ބޮއިކޮޓްކޮށް ” އިންޑިއާ އައުޓް ” ގޮވަން ފަށައިފިއެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ ހަސީނާގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށް ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެހެން ނަމަވެސް މިފަހަރުގެ އިންތިހާބަށްފަހު އިންޑިއާގެ ނުފޫޒް ބާއްވަން ބޭނުންނުވާ ކަމަށް ބަންގްލަދޭޝްގެ ރައްޔިތުންނަކީ ގޮވަމުންނެވެ.
އެ ގައުމުގައި މިފަދަ ކެމްޕޭނެއް ފަށައިފައިވަނީ ބަންގްލަދޭޝްގެ އާންމު އިންތިޚާބަށް އިންޑިއާއިން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ބައެއް އުފެއްދުންތައް ކަމަށްވާ ކައްކާ ތެލާއި، ލޯޝަން، އަދި ބޮލުގައިލާ ތެޔޮ ފަދަ އިންޑިއާގެ އުފެއްދުންތަކުގެ އާ ޝިޕްމަންޓުތައް ނަގަން ބަންގްލަދޭޝްގެ ގިނަ ފިހާރަތަކުން ވަނީ ދެކޮޅު ހަދައިފައެވެ. ބަންގަލަދޭޝްގެ ގިނަ ވިޔަފާރިވެރިން އަންނަނީ އިންޑިއާގެ އުފެއްދުންތައް ވިއްކަން ދެކޮޅު ހަދަމުންނެވެ.
މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި ފޯރަމެއްގެ ބައިވެރިން ވަނީ ސަރަހައްދީ ބަދަލުތަކެއް އަންނަ ކަމަށް ހީވާ ދަނޑިވަޅެއްގައި އިންޑިއާގެ ޚާރިޖީ ސިޔާސަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފޯރަމްގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަންޝަންކަރު ވެސް ބައިވެރިވެޑައިގެންނެވިއެވެ.
އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުމަށް އަސަރުކުރާނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިންޑިއާއަކީ ބަންގްލަދޭޝްއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރާ އެއް ގައުމެވެ. އެ ގައުމުން ބަންގްލަދޭޝްއަށް އެކްސްޕޯޓުކުރާ މުދަލުގެ އަގު އަހަރަކު ގޮތުން 12 ބިލިއަން ޑޮލަރަށް މައްޗެވެ.

