އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންތަކުގައި މިހާރު ހަރަކާތްތެރިވާ ސިފައިން އަނބުރާ ގެނައުމަށްފަހު ރާއްޖެއަށް ފަންނީ މުވައްޒަފުން ފޮނުވާނެ ކަމަށް އެގައުމުން މިއަދު ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ނޫސްވެރިއަކުވަނީ، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ މަތީ ފަންތީގެ ކޯ ގުރޫޕުން މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށް އިޝާރާތްކޮށް ސުވާލުކޮށްފައެވެ.
އެ ނޫސްވެރިޔާގެ ސުވާލުގައި ބުނީ، އިންޑިއާ ސިފައިން ބަދަލުކުރާނެ ތާރީޚުތަކެއް ފޮރިން މިނިސްޓްރީން އޭރު ދިން ނަމަވެސް، ސިފައިންގެ ބަދަލުގައި އުޅަނދުތަކުގެ އޮޕަރޭޝަނަށް ބޭނުންކުރާނެ ބަޔެއްގެ ތަފުސީލު ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތު ހިއްސާކުރުމަށް އޭނާ އެދުނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޖައިސްވަލް ވިދާޅުވީ، އެ ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްޓާނަލް އެެފެއާސް މިނިސްޓްރީން ބަޔާނެއް ނެރެފައިވާނެ ކަމަށާއި ބައްދަލުވުމުގައި އެއްބަސްވި ކަންތައްތައް އެ ބަޔާނުގައި އޮންނާނެ ކަމަށެވެ. އަދި ކޯ ގުރޫޕުގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ވާހަކަ ވެސް ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑު ބުނަން ބޭނުން، މިހާރު ތިބި މީހުންގެ ބަދަލުގައި ދެން ތިބޭނީ އިންޑިއާގެ ކަމަށް ގާބިލު، ފަންނީ މީހުން،”
ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނުގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ބަދަލުކުރުމަށް ކަމަށެވެ.
އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އެ ތާރީޚުތަކާ ދިމާވާ ގޮތަށް އިންޑިއާއިން ސިފައިން އަނބުރާ ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ދިވެހީންގެ ގާބިލްކަން އިތުރުކޮށް، ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭ ހާލަތަށް ވަރަށް އަވަހަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ.

