ކާންދޭން ފެށިކަމުގައިވިޔަސް ދަރިފުޅަށް ކާންދީ ނިންމުމަށްފަހު ގާތުން ދިނުމަށް ހާއްސަ އިސްކަމެއް ދޭންވާނެއެވެ. ތުއްތުދަރިފުޅަށް އަބަދުވެސް އެންމެ ރަނގަޅު ކާނާއަކީ ހަމަ މައިމީހާ ގާތުންދޭ ކިރެވެ.
ކާންދޭން ފެށިކަމުގައިވިޔަސް ދަރިފުޅަށް ދެއަހަރުވަންދެން ގާތުންދިނުމަކީ މުހިންމުކަމެކެވެ.
ތުއްތު ދަރިފުޅަށް ކާންދޭން ފެށުމަށްފަހު ދެން އެންމެ މުހިންމު އަދި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ އަނެއްކަމަކީ ކުއްޖާގެ ގައިގަ ކެއުމުގެ އާދަތައް ހަރުލައްވާނެ ގޮތެކެވެ. މިއުމުރުގައި ހަރުލައްވާ އާދަތަކަކީ ފަހުން ދަރިފުޅު ކެއުމުގެ އަދަބުތަކަށް ހޭނުވުމަށް ނުހަނު ފަސޭހަވެގެންދާނެ ކަމެކެވެ. ހަގީގަތުގައި ތުއްތު ދަރިފުޅު ކެއުމުގެ މި އުސޫލުތައް ހުންނާނީ ބޮޑުވާން ފަށާއިރު އިތުރު ބުނުމަކާ ނުލައި ދަރިފުޅުގެ ގައިގަ ހަރުލާފައެވެ.
އަޅުގަނޑުމެނަށް ވަރަށް އާންމުކޮށް ރަށްރަށުން ފެންނަ މަންޒަރެއް ހިއްސާކޮށްލާނަމެވެ. ގޭގެ ގޯތިތެރެއަށް ކުއްޖާ ދޫކޮށްލާފައި ހުންނައިރު ކާންދޭމީހާ ތަށިހިފައިގެން ކުއްޖާ ފަހާ ދުވަން ޖެހެއެވެ. ކުއްޖާ ކައި ބަނޑުފުރަނީ އެގޮތަށް ދުވެ ސަކަރާތް ޖެހުމުގެ ތެރޭގައި ހުރެގެންނެވެ. ވަރަށް އާންމުކޮށް ގޭގޭގެ ދޮރާށި ދޮށުގައި ނޫނީ ގޭމަގުގައި ކުއްޖާއަށް ކާންދޭން ތަށިހިފައިގެން ނުކުމެ ތިބޭތަންވެސް ފެނެއެވެ. ބައެއް މީހުން މިއީ ރަނގަޅުގޮތެއް ނޫނޭ ބުނުމުން ޖަވާބުގައި ބުނެއެވެ.

ފޮޓޯ: ޖަމްޕްސްޓާޓްނިއުޓްރިޝަން
"މިހެން ދުވެފުމެމުންވެސް ކާއެތިކޮޅު ހުސްކޮށްލައެއްނު. އެނިމުނީ." އެކަމަކު އެއީ ނިމުމެއް ނޫނެވެ. އެއްކަލަ ކުއްޖާ ބޮޑުވެ މީހަކަށްވިޔަަސް މޭޒުދޮށުގައި އިނދެ ކެއުން ވާނީ އުނދަގޫކަމަކަށެވެ. އޭގެ ބަދަލުގައި އެކުއްޖާ ބޭނުންވާނީ ކޮންމެވެސް އެހެންތަނެއްގައި އެހެންކަމެއް ކުރަމުން ކެއުން ކުރިއަށް ގެންދާށެވެ.
އެހެންކަމުން ތުއްތު ދަރިފުޅު އަމިއްލައަށް ކެއުމަށް ފުރުސަތު ދީ ހޭނުވުމެވެ. ގާތްގަނޑަކަށް ހަތްމަސް އަށް މަހުގައި ތުއްތުދަރިފުޅުގެ އަތަށް ބައެއްކަހަލަ ކާނާ އެތިއެތިކޮޅުން ދެވިދާނެއެވެ. އަދި ނުވަމަސް، ދިހަމަހުގައި އަތުން ކާން އާދަ ކުރުވަން ފެށިދާނެއެވެ.
ދަރިފުޅަށް ކާންދިނުމަށް އެންމެ ރަނގަޅު ގޮތަކީ އެކަމަށް ހާއްސަ ގޮނޑީގައި ކެއުަމަށް ކަނޑައެޅިފައިވާ މޭޒުމަތީ ތަށިތައް ބެހެއްޓުމަށްފަހު ދަރިފުޅު އަމިއްލަ އަތުން ކެއުމަށް ފުރުސަތު ދިނުމެވެ.
މިއީ އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. އެހެންނަމަވެސް އަޖުމަ ބަލާލަން މިގޮތަށް ކަންތައް ކޮށްލުން ރަނގަޅެވެ. ޔަގީނުންވެސް މިއީ ދަރިފުޅު ކިތަންމެ ތުއްތު ނަމަވެސް އުނދަގުލުން ވިޔަސް އަމިއްލަ އަތުން ކާން ފެށުމަށްފަހު ގަޔާވެގެން އެކަން އާދަކުރާނެއެވެ. އެކަމަކު ތުއްތު ދަރިފުޅު އަމިއްލައަތުން ކެއުމުން، ކުއްޖާއާއި މޭޒު އަދި މޭޒުކައިރީ ބިންމައްޗާއި ގޮނޑިވެސް ހުންނާނީ ހަޑިވެފައިކަން ގައިމެވެ. ސާފުކުރުމުގެ މަސައްކަތް ކުރަން ޖެހުނަސް ނަތީޖާ ކިތަންމެހާވެސް ފޮނިވެފައި ފުރިހަމވާނެކަން ޔަގީނެވެ.

