ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މައިސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ޚިދުމަތްދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެމްއެންޑީއެފާއި ގުޅިގެން ބޭއްވި ހާއްސަ ތަމްރީނު ތަކެއްގެ ތެރެއިން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި ފަހުމީ ހަވާލުވުމަށްފަހު، ރައީސް ޑރ މުޢިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ އެއްކަމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަަރު ރަނގަޅުކުރުން ކަމަށާއި، މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކަމަށް ފަހުމީ ވިދާޅުވިއެވެ.
މިގޮތުން، ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިންގ ސެންޓަރ ގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ހަރުދަނާވެ، ރައީސް މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމެއް ކަމަށެވެ.
މިއަދުގެ ނިޔަލަށް 120 މުވައްޒަފުން ތަމްރީނު ފުރިހަމަ ކުރެއްވުމަކީ އޭނާއަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި، ޕްރޮގްރާމް ހިންގެވުމުގައި ދިވެހި އަސްކަރިއްޔާއަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރާކަމަށް ފަހުމީ ވިދާޅުވިއެވެ.

