އާސަންދައިގެ އެހީގައި، ޙާލު ބޮޑު ބަލިމީހުން އިމަރޖެންސީ ކޮށް މާލެ ގެންދިޔުމަށް މޯލްޑިވިއަން ގެ ފްލައިޓް ހަމަޖެއްސުމުގައި ދިމާވުމުންދިޔަ އުނދަގޫތައް، އާ ސަރުކާރުން ޙައްލު ކުރުމުން، ރައްޔިތުން ތިބީ އުފަލުންނެވެ.
އަދި އެކަން ފަސޭހަ މަގަކުން ތަންފީޒުކުރަމުންދާ މަންޒަރު ފެންނަން ފެށުމުން ރާއްޖޭގެ އެހެން ރައްޔިތުން ފަދައިން ހުވަދޫގެ ރައްޔިތުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ޚާއްޞަކޮށް ތިނަދޫގައި ހުންނަ ސަރުކާރު ހޮސްޕިޓަލް ކަމަށްވާ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ މީހުން އެ އުފަލުގައި ޝާމިލު ވާނެ މިންވަރު ބޮޑުވާނެކަމަށް ޤަބޫލު ކުރެވެއެވެ. އެހެނީ އިމަޖެންސީގައި އެތަނުން މާލެ ދާން ޖެހޭ މީހުންގެ ޢަދަދުވެސް ބޮޑުވާނެތީއެވެ.
އިސްވެ ފާހަގަކުރި އުފަލުގައި ރައްޔިތުން ތިއްބާ މީގެ ތިން ހަތަރު ދުވަސް ކުރިން އަޅުގަނޑުގެ އާއިލީ މީހަކު ވަރަށް ބޮޑަށް ބަލިވެގެން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެދުމަތި ކުރިއެވެ.
ޙާލު އިތުރަށް ގޯސްވެ ފަރުވާ އަށް މާލެ ގެންދަން ޖެހުނެއެވެ. ލަހެއް ފަހެއް ނެތި އަވަސްވެގަތީ ބަލިމީހާގެ ފަރުވާ އަވަސްކުރެވޭތޯއެވެ. އެހެންކަމުން ހޮސްޕިޓަލުން ހުރިހާ ކަމެއް ތަރުތީބުކޮށް ބަލިމީހާ ތިނަދޫ ސިޓީއިން އެވަގުތު ހަމަޖެއްސެންއޮތް އެންމެ ބޮޑު ލޯންޗުގައި ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން އެހީތެރިންނާއި އެކު ފުރަން ތައްޔާރުވިއެވެ.
އަދި މޯލްޑިވިއަން ގެ ޗާރޓަރު ފްލައިޓް ޖައްސަން އޮތް ގަޑިއަށް ދިޔުމަށް ކާޑެއްދޫ އެއަރޕޯޓްގެ ޖެޓީއަށް ލޯންޗް ކައިރި ކޮށްލިއެވެ. ސްޓްރެޗަރ ގައި އޮތް އުމުރުން ދުވަސްވީ ބަލި މީހާ ބޭލުމަށް ފަހު އަވަހަށް ފުރާ ގިމަތައަށް ގެންދިއުމަށް އެމްބިއުލާންސްއަށް އެރުވި އެވެ.
އެވަގުތު އަޅުގަނޑު ހުރީ ލޯންޗު ތެރޭގައި ކަމުން މާ ރަނގަޅަށް އެ މަންޒަރު ފެންނަގޮތެއް ނުވިއެވެ. ޖެޓީއަށް ފައިބާ ބެލިއިރު، ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. ވިލާ ކުންފުނިން ހިންގާ ވިލާ ކާޑެއްދޫ އެއަރޕޯޓްގައި ބަލިމީހުން އުފުލުމަށް ގެންގުޅޭ “ވިލާ އެމްބިއުލާންސް” އަކީ ހަލާކު ވެފައިވާ ކުޑަ ކުޑަ ޕިކަޕް ގަނޑެކެވެ. އަޖައިބު އަންތަރީސް ވެ ބަސް ހުއްޓިފައި ހުރެވުނެވެ. އަމިއްލަ އާއިލާގެ މީހެއް އެ ޙާލުގައި ބާ ޕިކަޕެއްގެ ތެރޭގައި އޮއްވާ ފެނުމުން ވަރަށް ދެރަވިއެވެ. ޤައުމުގެ ޙާލަތު އިޙްސާސްވެ އިންތިހާއަށް އިތުރަށް ދެރަވިއެވެ.
ކުރާނެ ކަމެއް ނެތެވެ. ހިތާ ހިތުންނާއި ދުލުން ކުދި ކިޔަމުން “ވިލާ އެމްބިއުލާންސް” ގެ ފަހަތުން ހިންގައި ގަތީމެވެ. އެއަރޕޯޓް ގައި ޙާލު ދެރަ ބަލިމީހުން މަޑު ކޮށްލަން ހުންނަ ކޮޓަރިއާ ހަމަޔަށް ދެވުނު އިރު އެއްކަލަ “އެމްބިއުލާންސް” ކުރިމަތީގައި އޮތެވެ.
އެއަށް ދެލޯ އަޅަމުން ގޮސް ކޮޓަރި އަށް ވަދެވުނު އިރު އެތަނުގައި އިތުރު ބަލި މީހަކު އޮތެވެ. މި ފަހަރު ފެނުނު މަންޒަރުން ލޮލުން ކަރުނަ ހިލުވާލިއެވެ. އައިވީ އާއި އޮކްސިޖަން ގުޅާފައި އޮތް އެމީހާ ސްޓްރެޗާ އެއްކޮށް ބާއްވާފައި އޮތީ ބިންމަތީގައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި، 10 ޑިސެމްބަރ 1993 ގައި އެއަރޕޯޓް ހުޅުވިއިރު ހުރިގޮތަށް އަދިވެސް ހުރީ އޭރުހުރި ކުޑަކުޑަ ކޮޓަރިއެވެ. އޮކްސިޖަން ގުޅާފައި އޮތް އެމީހާ ސްޓްރެޗާ އެއްކޮށް ބިންމަތީގައި ބާއްވާފައިއޮތީ ކުޑަ ކޮޓަރީގައި ހުރީ ދެ އެނދު ކަމުން އެއިން އެއް އެނދު މާ ކުޑަވީމާ ކަމަށް ވެދާނެއެވެ.
އިރުކޮޅެއް ފަހެވެ. އެއާޕޯޓްގައި މާލެ ފުރުވަން ގެންގޮސްފައިތިބި ބަލި 2 މީހުން ވެސް އެއްކަލަ ވިލާ އެމްބިއުލާންސް ޕިކަޕްގައި ވަކިވަކިން ފްލައިޓަށް އަރުވަން ގެންދިޔައެވެ. އެ ވަޤުތު އެތަނުގައި ގިނަ ބަޔަކު އެއްވެފައި ތިއްބެވެ.
އެއަރޕޯޓް ގެ ޙާލަތު ހުރި ގޮތުގެ ފެންވަރާއި،ކަން ހިނގާ ގޮތުގެ ވާހަކަ އެކި ރާގުގައި އެއްވެފައިތިބި މީހުން ކިޔަމުން ދިޔައިރު، ބައެއް މީހުން ފާޅުކުރި ޝުއޫރު މި ލިޔުމުގައި ހިއްސާ ކުރަން ނެތީމެވެ.
އެދުވަހު އަޅުގަނޑު ހިތަށްއެރީ، ކުޑަ ޕިކަޕެއްގައި މީހުން އުފުލަން އެފަދަ އުޅަނދެއް ބޭނުންކުރީ އެމްބިއުލާންސް ގޮތުގައި ބޭނުން ކުރާ ވޭން ނުވަތަ ބަސް ހަލާކުވެފައި އޮތީކަމަށް ވެސް ވެދާނެ ކަމަށެވެ.
ނަމަވެސް އެއީ ހީވި ހީވުމެއް ކަމަށް ގަބޫލުކުރެވުނީ އިއްޔެ އެއާޕޯޓަށް ކުރަން ޖެހުނު ދަތުރާއި އެކުގައެވެ. ކަން ދިމާ ކުރި ގޮތުން އިއްޔެވެސް އަޅުގަނޑުގެ އާއިލާ މީހަކު ވަރަށް ބޮޑަށް ބަލިވެ އިމަރޖެންސީގައި ފަރުވާ އަށް މާލެ ގެންދިޔުމަށް ކާޑެއްދޫ އެއަރޕޯޓަށް ދާން ޖެހުނެވެ. އެކަމަކު މި ދަތުރުގައިވެސް ފެނުނީ އެއް މަންޒަރެކެވެ. ކަންހިނގީ އެއްގޮތަކަށެވެ. އެއް ބީދައަކުންނެވެ. ބަލި މިހާ ބަލާ ގެނެސްފައި އޮތީ ހަމަ އެއްކަލަ ކުރިން ފަހަރުވެސް ގެނައި ބާ ޕިކަޕް ގަނޑެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިއްޔެ އެކަނިވެސް ކާޑެއްދޫ އެއަރޕޯޓަށް 6 ފްލައިޓް ޖެއްސި ކަމަށް ވެއެވެ. ޔަޤީނުންވެސް 3 މީހަކު އިމަޖެންސީ ޙާލަތުގައި މާލެ ގެންދިޔައެވެ. މި ބަލި މީހުން އުފުލީ އެއްކަލަ ބާ ޕިކަޕުގައެވެ.
މިހާ ހިސާބުން މި ޕިކަޕާއި ބެހޭ މަޢުލޫމާތު ލިބެން ބޭނުންވާނެކަން ޔަގީނެވެ. އެއްކަލަ ޕިކަޕް ގެ ޙާލަތު އޮޅުން ފިލުވާލުމުގެ ޝައުޤުވެރިކަން ހިތަށްވާނެވެ.
އިނގޭ ހެއްޔެވެ. އެ ވެހިކަލް ދުއްވެނީވެސް ކުރިޔަށް އެކަންޏެވެ. ފަހަތު ގިޔަރު މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން “އެ ފަންކްޝަން” ކުރަނީ މެނުއަލް ކޮށެވެ. ދެތިން މީހަކު ކޮއްޕައިގެންނެވެ. އެ ޙާލަތުގައި އޭތި ގަނޑު އޮންނަތާ 6 މަސް ވެއްޖެއެވެ.
ވިލާ އިން ހިންގާ ކާޑެއްދޫ އެއަރޕޯޓްގެ މި ވާހަކަތައް ދައްކާ އިރު އެތަނުގައި ދައްކާފަ ނުދައްކާނެ ވާހަކައެއް ނެތެވެ. 31 އަހަރު ވީ އެ އެއަރޕޯޓްގައި ރަނގަޅަށްހުރި ތަނެއްނެތްތާގައި ރަނގަޅަށް ކުރެވުނު ކަމެއް ވެސް ނެތެވެ.
މި ފުރުސަތުގައި ވެސް އެތަނުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަށް ޝުކުރު ހައްގެވެ. ޙާލަތާއި، މާހައުލަކަށް ބެލުމެއް ނެތި ކުރަމުންދާ މަސައްކަތަށް ސެލިއުޓް ކުރަމެވެ. ކެތްތެރިކަމާއެކު ކުރާ މަސައްކަތަށް ހިތްވަރާއިއެކު ސާބަސް ދެމެވެ.

