ހުވަދޫ ނޫހުން ގެނެސްދޭ ލޯބީގެފަސާނާގެ ދެވަނަ "ހާދިސާ" އަށް ކިޔުންތެރިންނަށް މަރުހަބާ ކިޔަމެވެ.
ތިޔަ ކިޔުންތެރިންގެ ހިޔާލާއި ފާޑުކިޔުމަކީ އަޅުގަނޑުގެ ލިޔުންތަކުގެ ކުރިއެރުމާއި ކާމިޔާބީގެ ހަގީގީ ސިއްރެވެ. އެހެންކަމުން ""ލޯބީގެ ފަސާނާ" އަށް ފާޑުކިޔުއްވައި ހިޔާލު ދެއްވުމަށް ލަސްނުކުރައްވައި އަވަހަށް މެސެޖް ލިޔެ ފޮނުވައިދެއްވާށެވެ.
މި ފަސާނާ ކިޔާ ތި ކިޔުންތެރިން ވާނީ ލޯބީގެ އެކިއެކި ވާހަކަ އަަޑު އަހާފައި ކަން ޔަގީނެވެ.
އަހަރެންގެ ވާހަކައިގައި ލޯތްބާއެކު އޮތީ ދެރައާއި ނަފްރަތު ކަމަށް ވިޔަސް މި ވާހަކަ ކިޔައިދޭން ބޭނުން ވެގެން "ލޯބީގެ ފަސާނާ" ގެ މި ސޮފްހާގައި ގަލަން ހިންގާލަނީ ހިތުގެ ވާހަކަ ކިޔައިދިނުމުން ލިބޭ ހިތްހަމަޖެހުން އެނގޭތީ އެވެ. އަދި ތިޔަ ކިޔުންތެރިންގެ ލޯތްބާއި ހިޔާލަށް އެދޭތީއެވެ.
ކިޔުންތެރި އެކުވެރިންނޭވެ.
މިކިޔައިދެނީ އަހަރުތަކެއް ކުރީގެ ވާހަކައެކެވެ. އޭރު އަހަރެންގެ އުމުރުން ވިއްސަކަށް އަހަރެވެ. ރަށުގައި އަހަންނާއި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ރަހްމަތްތެރިކަން ވަރަށް މަޝްހޫރެވެ. އެ ރަހްމަތްތެރިކަން އެންމެ ބޮޑަށް މަޝްހޫރުވެ ނަމޫނާ ވެފައި އޮތީ ސަބަބެއް ނެތިއެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކަށްޓަކައި ޖާނާއި މާލުން ގުރުބާން ވާ ކިތަންމެ ކަމެއް މީހުންނަށް އެނގި ފެންނާތީ އެވެ.
މީހުން ބުނާ މާނަފުން ބަހެއް ކަމަށްވާ "އަންހެނުންނަކީ ފިތުނައެކެވެ." މިހެން ބުނާ އަޑު ތިޔަ ކިޔުންތެރިން ވެސް އަހާނެކަން ނޭނގެ އެވެ. މިއީ އެއްވެސް ހާލެއްގައި ހުރިހާ އަންހެނުންގެ ވާހަކައެއް ނޫނެވެ. އެކަމަކު މިފަދަ އަންހެނުން ދުނިޔޭގައި އުޅޭކަން އަހަރެންފަދަ ލަނޑުލިބި ހިތިރަހަ އަރުގައި ލާފައި ހުރި މީހެއްނަމަ ގަބޫލު ކުރާނެއެވެ.
އަންހެނުންނަކީ ރީތި ޖާދުލެކެވެ. ފުރިހަމަ ދަމާބާރެކެވެ. އެހާމެ މޮޅު އާރުކާޓީއެއްވެސްމެއެވެ. އަހަރެންގެ ވާހަކައިގައި މިސިފަރަކުގެ އިތުރަށް "ފިތުނަ"އާއި "ކެހި، މަކަރާއި ހީލަތް" އަދި ދޮގާއި ބޭވަފާ ވެސް ހިމެނެއެވެ.
މީހުން ބުނާތި އަޑު އިވިފައިވެއެވެ. އަންހެނުންނަކީ ކުޅަދާނަ ފިތުނަވެރިކަމެއް ހުންނަ ބައެކެވެ. ކިތަންމެ ރަނގަޅު ގުޅުމެއް ވެސް ހަލާކު ކޮށްލަން އަންހެނުން މޮޅުވާނެއެވެ. ކޮންމެއަކަސް އޭރު މިފަދަ ވާހަކަތަކަށް އަހަަރެންގެ ސަމާލުކަމެއް ދެވިފައި ނެތެވެ. ޝައުގުވެރިކަމެއް އަމުދުން ނުވެސް ހުންނާތީ ކަމަށްވެސް ވެދާނެއެވެ.

ދެރަކަމަކީ ލޯބިވެވުމުން ދެލޯވެސް ކަނުވާތީއެވެ…..ފޮޓޯ:އައިސްޓޮކް
ސުކޫލުގައި އުޅުނުއިރު ގްރޭޑް ހަތަކުން ފެށިގެން އަސުރު މަލެއްފަދަ ރީތި އެ އަންހެންކުއްޖާއަކީ އަހަރެންގެ ލައިލާކަން އެންމެންވެސް ދަންނާނެއެވެ. އަހަރެންގެ ނަމާއި އޭނާގެ ނަމާ އޮންނަނީ ގުޅިލާމެހިފައެވެ.
އެކަމަކު މިއީ ލައިލާގެ އާއިލާ މީހުން ވަރަށް ނުގަބޫލު ގުޅުމެކެވެ. ރައްޓެހިވީއްސުރެންވެސް އަހަންނާއި ލައިލާގެ ކަދުފައްޗަކީ އަހަރެންގެ ގާތް ރަހްމަތްތެރިޔާ ހައްލެ އެވެ. ހައްލެގެ ސީރިޔަސް "މަންޖެ"އެއް ނުހުންނާނެކަން އެންމެނަށްވެސް އެނގޭނެއެވެ. މޫސުން ބަދަލުވާހެން ހައްލެގެ މަންޖެމެން ބަދަލުވުމަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
ޖެނުއަރީގައި ޝީލާ، ފެބްރުއަރީގައި ނީނާ މާރިޗުގައި ދީނާ އޭޕްރީލް މެއިގައި ވިސާނާ، ޖޫންޖުލައިގައި ފަޒުލީ، އީދުވިލޭރޭ ޖަމްޝީ، ހުކުރުވިލޭރޭ ބަލްގިޝް، މިހެންގޮސް ނަން ހުސްކޮށް ހައްލެގެ ބިޓުންނެވެ. ކިރިޔާވެސް ހައްލެއާއެކު ދެމަސްދުވަހަށްވުރެ ގިނަ ދުވަހު ހިފަހައްޓާލެވުނަސް އެކުއްޖަކު ވަރަށް ހިތްވަރުގަދަކަމަށް އެންމެންވެސް ގަބޫލު ކުރާނެއެވެ.
އަހަރެންގެ ލޯބިވާ ނުހަނު ލޯބިލޯބި ލައިލާގެ އާއިލާގެ އެންމެންވެސް ހައްލެއާ ވަރަށް ރައްޓެއްސެވެ. އަހަންނާ ހަމައަށް ލައިލާ ގެނައުމަށް ހައްލެއަށް އެހާ ފަސޭހަވާ ސަބަބަކީވެސް އެއީއެވެ. އަހަރެންގެ މޮޔަ ސިކުނޑިއަށް ނޭނގި ނުވިސްނި އޮތް ކަމަކީ ހައްލެ ކަހަލަ ޒުވާނުންނާ އަންހެންކުދިން ގަޔާވާ ކަމެވެ. އެކަމަކު އެންމެން ގަޔާވިޔަސް އަހަރެންގެ ލައިލާއަށް އަހަރެންގެ ލޯބި ލިބިލިބި ހުއްޓާ ހައްލެއަށް ލެނބޭނެ ޖާގައެއް އޮވެދާނެކަމަކަށް ހިއެއް ވެސް ނުވާނެ ނޫންހެއްޔެވެ.
ހައްލެގެ މި "ކަބީ" ގޮތްގަނޑު އަހަރެންގެ ލައިލާއަށް ކަމުދިޔައީ ކޮންހިސާބަކުން ކިހިނެއްކަމެއް ނޭނގެއެވެ. އަހަންނަށްޓަކައި ޖާނުންމާލުން ފިދާވެ އާއިލާއާ ދެކޮޅަށް ފިލައިގެން ވެސް މަގޭ ގާތަށް އައިސް އުޅުނު ލައިލާއަށް ހައްލެދެކެ ލޯބިވެވިއްޖެއޭ ބުނި ދުވަހަކީ އަހަރެންގެ ދުނިޔެ ހުއްޓުނު ކަހަލަ އިހުސާސެއްވި ދުވަހެކެވެ.
ހަގީގަތުގައި މައްސަލައަކީ އަހަރެންގެ ރަކިކަމާއި މައިތިރިކަމެވެ. ނުކެރޭ ކަމާއި އަންހެންކުދިން އެދޭހެން އެކުދިންނާ ސަމާސާކުރުމުގެ ފުންނާބުއުސްމީހަކަށް ނުވުމެވެ. މާބޮޑަށް އިސްތިރި ކުރެވުނީއެވެ. ކައިވެނި ކުރެވެންދެން ކެތްތެރިވެ އަމާނާތްތެރި ވެވުނީއެވެ.
ލައިލާގެ ގޭގައި ބައެއް ރޭރޭ ގްރޫޕްސްޓަޑީ ކުރުން އޮވެއެވެ. އެފަގޮތަށް ލައިލާ ކުލާސްކުދިންނާއެކު ގްރޫޕް ފިލާވަޅު މުތާލިއާ ކުރާ ރޭތަކުގައި ހައްލެ ވެސް އެގޭގައި އެމީހުންނާ އެކުގައި އުޅޭނެ އެވެ. ފިލާވަޅު މުތާލިއާ ކުރާނީ ގޭގެ މީހުން ނިދުމާ ހަމައަށެވެ. އެއަށް ފަހު، ފަތިސްނަމާދަށް ގޮވަން ތައްޔާރުވާ ގަޑިއާ ހަމައަށް ފޮތްތައް ލައްޕާލައި މުތާލިއާކުރުން މެދުކަނޑާލެވޭނެއެވެ.
ގޭމީހުން ނިދުމުން ސިއްރުސިއްރުން ހުރިހާ އަންހެން އެކުވެރިން ބިޓުންނާ ބައްދަލު ކުރަން އަންނައިރު ހައްލެ އަހަންނާ ހަމައަށް ލައިލާ ގެނެސްދޭނެއެވެ. ހައްލެ ލައިލާ ގޮވައިގެން އަންނާނީ އެހެން ކޮންމެވެސް ބިޓެއްވެސް އެގަޑިއަށް އެތަނަކަށް އަންނަން ގަޑިކިޔާފައި އޮންނާތީވެ ތައްޔާރުވެ ސެންޓު ބުރުވައި "ރޮމް" ވެގެންނެއެވެ.
ހައްލެ ވަންނަނީ ކޮން ދިމާއަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެމެންގެ މީޓިންގލަވްޕޮއިންޓުގައި ވަރަށް ސިއްރުސިއްރު "ފަރުދާވެފައި" ހުންނަ ކަންކަންވެސް ހުރެއެވެ. ހައްލެ އޭނާގެ އެރެއެއްގެ ކަމަނާ ގޮވައިގެން އެއިން ކަނަކަށް ވަދެ ގެއްލޭނެއެވެ. ދެން އަހަރެން….އަހަރެންގެ ލައިލާއާ އެކުގައި އުފާވެފެއި ހުންނަމެވެ.
ގަޑިދެގަޑިއިރު ވާއިރުވެސް އަހަރެން ލައިލާގެ އަތުގައި ހިފާލުން ފިޔަވައި އެހެން އެއްވެސް ގޯހެއް ނުހިންގަމެވެ. ބޮޑުވަރަކަށްވެސް ލައިލާ އަހަރެންގެ އުނގުގައި އޮށޯވެލީމަ އޭނާގެ ބޮލުގައި ފިރުމަދީދީ އިންނަމެވެ. ނޫނީ ކޮނޑުގައި ބޯޖައްސައިފިއްޔާ އަތުގައި ފިރުމާލަފިރުމާލާ އިންނަމެވެ.
ހައްލެ ވަދެ ގެއްލޭ "ވަލުކޮށިން" ނުކުމެގެން އައިސް ލައިލާ ގޮވައިގެން ދާއިރު އަހަރެންވެސް އެމީހުންނާއެކު ވަކިހިސާބަކަށް ގޮސް ލައިލާއަށް ވަދާއު ކިޔަން ސަލާންކޮށްލަމެވެ. ހައްލެ އޭނާގެ ބިޓަށް "މޮޑަން" ސަލާމަކުން "ގުޑްނައިޓް"ޗުއްމީއެއް ދޭ އިރު، އަހަރެން ހަމައެކަނި ލައިލާގެ އަތުގައި ހިފާ ސަލާންކޮށްލަމެވެ.
އަހަރެންގެ މި ނުކެރުމާއި މާބޮޑަށް ތެދުވެރިވެ އަމާނާތްތެރިވުމުގެ ނަތީޖާ އެހާ ހައިރާން ކުރުވަނިވި އަޖައިބު "ސަބަބަކަށް" އަދި ސިހުން ގެނުވާވަރުގެ ކަމަކަށް ވެދާނެކަމަކަށް ފަހަރެއްގައިވެސް ހިއެއްނުކުރަމެވެ.
ލޯބީގެ ފަސާނާގެ ކިޔުންތެރިންނޭވެ. ހައްލެއާއި ލައިލާ އެކަކު އަނެކަކާ ގުޅުމެއް އުފައްދައިފިކަމުގެ ހިލަމެއްވެސް ވީ އަމިއްލަ އިއުތިރާފުން ލައިލާ ބުނުމުންނެވެ. އެރެއަކީ ހުކުރުވިލޭރޭ ކަމުން ބަރާބަރު ބާރަޖެހިއިރު އަހަންނާ ބައްދަލުވާން ލައިލާ އަޔެވެ. އަދި ވަރަށް ފުންވިސްނުމެއްގައި ހުރެފައި އެވާހަކަ ބުނެފިއެވެ.
އޭނާ ހައްލެދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމުގައެވެ. ހައްލެވެސް ލައިލާއަށްޓަކައި ބަދަލުވި ވާހަކައެވެ. ދެމީހުން ރައްޓެހިވިތާ ހައެއްކަ މަސްވެސް ވެއްޖެކަމަށާއި މިހާރު ދެން ހައްލެއާ ވަކިން ނޫޅެވޭނެ ކަމަށެވެ. އަހަރެންގެ ކުރިމައްޗަށް އައިސް ދެން އެ ހުއްޓުވީ ކުށްވެރިއަކު ޝަރީއަތުގައި ހުއްޓޭ ފަދައިން ލޯބިވާ ރަހުމަތްތެރި މިތުރު ޔާރެވެ.
އަހަރެން ފަކީރު ކުރާނީ ވެސް ވަކި ކީއްހެއްޔެވެ. އެދެމީހުންގެ ގުޅުމަށް މަރުހަބާ ކިޔަމުން އަހަރެން ހައްލެ ގާތު އަހާލީމެވެ. ކިތައްދުވަހުގެ ލޯތްބެއްހެއްޔެވެ.
ހައްލެ ބުނެލީ އުމުރަށް އެނަމުގައި ފިދާވާނެ ކަމަށެވެ. ލޯބީގެ ނަޒަރުން ފެންނަނީ ޖަބީން ކަމަށެވެ.
އަހަރެންގެ ހިތް ހަލާކުވެ ދުނިޔެ ލޫޓުވުމުން ރަށުން ވަކިވެގެން ރިސޯޓަށް އައިސް އަލުން އާގޮތަކަށް ދިރިއުޅުން އާރާސްތު ކުރެވޭތޯ ހިތްވަރުކުރަން ފެށީމެވެ. ލައިލާގެ އެއްވެސް ހަބަރެއް އަދި ހައްލެގެ ހަބަރެއް ނޭނގެއެވެ. އެކަމަކު ހަމަ ކުއްލިއަކަށް އެއްދުވަހަކު އަހަންނަށް ހައްލެގެ ކޯލެއް އަޔެވެ. ހައްލެ މީހަކާ އިންނާތީ ކައިވެނި ޕާޓީއަށް އައުމަށާއި މިހާރު އުޅެނީ މާލޭގައި ކަމަށްވެސް ބުންޏެވެ.

ކާމިޔާބު ހަޔާތަކަށް ލޯތްބަށްވުރެ ތެދުވެރިކަމާއި އަމާނާތްތެރިވުމާއި ވަފާތެރިކަން މުހިންމެވެ…..ފޮޓޯ: ޝަޓަސްޓޮކް
އަހަރެން ސީދާ އަހާލީމެވެ. ބޭވަފާތެރިޔާގެ މޫނު ދައްކަން ބޭނުންވަނީ އަހަންނަށް އިތުރަށް ވޭން ދޭން ހެއްޔެވެ. ހައްލެ ހީނގެންފައި ފޮނުވީ ފޮޓޯއެކެވެ. ހައްލެގެ ވާން އުޅޭ އަނބިމީހާއެވެ. އެކަމަކު އެއީ ލައިލާއެއް ނޫނެވެ. ހައްލެ ބުނީ ރަނގަޅު ވާހަކައެކެވެ.
"ލައިލާކަހަލަ އަންހެނަކާ އިނދެގެން ގެއަށް ގެންދާނީ ކިހިނެއް؟ އަހަންނަށް އޭނަ ހިތްފުރޭވަރު ނުކޮށްދެވެއޭ ކިޔާފަ އާއިލާ މީހަކާވެސް މަންޖޯޅި ޖެހިދާނެ. އެހެންނޫންނަމަ ކަލެއަކީ ފިނޑިރަނޑެކޭ ހައްލެކަހަލަ ފިރިހެނަކު ބޭނުން ނުވާނީ ކާކުހޭ ކިޔާ އެހެން ކަންތައް ނުކުރާނެ. މަހުރީ އިންނާށޭ…އެކަމަކު އެއީ އެއަށްވުރެ ކަންތައްބޮޑު އަންހެނެއް. އެ ކަމަކުނުދޭ އިނދެގެން ދިރިއުޅެން ގެއަށް ގެންދާކަށް. އެ ރަނގަޅު ވާނީ ހުސްތަން ފުރަން."
ލައިލާއާ ވަކިވިއިރު ކިތަންމެ ހިތުގައި ޖެހި ދެރަވިޔސް ހައްލެގެ ވާހަކަ އަޑުއިވުމުން ހިތަށް ލިބުނު ހަމަޖެހުން ބޮޑެވެ.
މިހާރު އަހަރެންވެސް ހައްލެވެސް މީހުނާ އިނދެ އަހަރެމެންގެ ދިރިއުޅުން ކުރިއަށް ޖައްސައިފީމެވެ. އަދިވެސް ލައިލާ އުޅެނީ ހަމަ އެހެންނެވެ. އެއީ އަހަރެންގެ އަލަތު ލޯތްބޭ ބުނަންވެސް ލަދުގަންނަހާ ގޮތްގޮތަށް އެނބުރެމުން އެހެން އުޅުމުގެ ތެރޭ އަހަންނަށް އެތައް ފަހަރަކު އާދޭސްވެސް ކުރިއެވެ. އެކަމަކު އަހަންނަކަށް އެ އަޑު އަހަން މުހިންމެއް ނުވިއެވެ.
ހައްލެ ބުނީ ތެދެކެވެ. އަންހެނަކު ލިބިދާނެއެވެ. އެކަމަކު އެކަކު އަނެކަކު ދެކެ ލޯބިވާ އެކުވެރި މިތުރަކު ގެއްލިއްޖެނަމަ ނުލިބޭނެއެވެ. އެކަން ސާބިތުކޮށްދޭން ހައްލެ އަހަރެންގެ ހިތުގައި ޖައްސާ ރޮއްވައި މާޔޫސްކޮށް ދެރަކޮށްލީ އެ ނޫން އެހެން އެއްވެސް ގޮތަކަށް އަހަރެންގެ "ލޯބީގެ ވިހައިން" ކަނުވެފައި ހުރި ދެލޯ ސާފުވެ އެ ލޮލަށް ތަންތަންސާފުކޮށް ނުފެންނާނެކަން ޔަގީންވާތީއެވެ.
ހައްލެއަށް ލައިލާގެ ހަގީގަތް އެނގުމުން އެކަން އަހަންނަށް ވިސްނައިދެވޭނެ އެންމެ މޮޅު ގޮތްކަމަށް ފެނުނީ އޭނަގެ ލޯބީގާ ލައިލާ ރަނގަޅަށް މޮޔަ ކޮށްލައިގެންނެވެ.
ލައިލާ އެންމެ ފުރަތަމަ ހައްލެއާ ގައިގޯޅިވާން ފެށުމުން ނަސޭހަތްތެރި ހައްލެ ވިއެވެ. ކިތަންމެ ގިނަ އަންހެންކުދިންނާ ގުޅުން އޮތަސް ހައްލެ ލައިލާގެ ދައުވަތަށް އެމޭރުމުން އެއްބަސްނުވާން އެތައް ބަހަނާއެއް ދެއްކިއެވެ
އެހެންނަމަވެސް ލައިލާ ދެއްކީ އަނދިރި ހަޑި މަގެކެވެ. އަންހެނަކަށްވެ ހުރެ ލައިލާ ދިމާކުރީ ދެތަށިން ކާށެވެ. ހައްލެގެ ފަރާތުން އެހިނދުކޮޅު ފުރާލަ ނުދެވެންޏާ އެހެން ދިމާއަކަށްވެސް ދާން ލައިލާ ހުރީ ކެރިގެން ތެދުވެފައެވެ.
ހައްލެ، ލައިލާގެ މޮޅު ސިކުނޑިއާ ކުޅެލީއެވެ. އަދި ލައިލާގެ އަސްލު ސިފަ މުޅި ދުނިޔެއަށް ހާމަކޮށްލީއެވެ.
އެއީ ހައްލެ އޭނާގެ ލޯބިވާ އެކުވެރިޔާ އެ ދަންތުރައިން ސަލާމަތް ކޮށްދޭން ކުރި ހިތްވަރެވެ. ހައްލެއަކީ އެކުވެރި ރަހުމަޔްޔެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
މިހާރުވެސް ލައިލާ އުޅެނީ އެހެން މިހެންނެވެ. ލައިލާއަކީ މިހާރު މޮޑެލްއެކެވެ. އެންމެންވެސް ދަންނަ ރީތި މުއްސަނދި ރާނީއެކެވެ.
އެކަމަކު އަހަންނާއި ހައްލެއަށް އެއީ ހަމަ ހައްލެ ބުނިހެން ފުޅިމަދު އުނގުރިއެކެވެ. ކޮންމެ ފުޅިއަކަށްވެސް ހެޔޮވަރުވާނެއެވެ. އެންމެންގެ ތުންފުއްސަކަށް ވަޅުދޮށު ސައިބޯންޏަކަށް ވިޔަސް ލައިލާގެ ބަގީޗާއަށް މާބުރުކޮކާ ނާންނަ ވަގުތެއް ނުދެއެވެ. އެހެންވާނެއެވެ. އެމާ މިލައި މޯޅިނުވާހާ ހިނދަކު އެކަން އޮންނާނީ އެހެންނެވެ.
އެލޯބިން ސަލާމަތްވީތީ އަހަރެން އަބަދުވެސް އުފާކުރަމެވެ. ހައްލެ އެ އަނދަވަޅން ސަލާމަތްކޮށްދިނީތީ ފަށްފަށުން ޝުކުރުއަދާކުރަމެވެ.
**ނިމުނީ**
(ހަފުތާއަކު އެއް ދުވަހު ގެނެސްދޭ ލޯބީގެ ފަސާނާ ގެ ތިންވަނަ ބަޔަށް އިންތިޒާރު ކުރައްވާށެވެ! ޝުކުރިއްޔާ!)

