ތިނަދޫ ބަލިކޮށް ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގެ ގދ. އަތޮޅު ޗެމްޕިއަންކަން ވާދޫ އިން ހޯދައިފި އެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ގދ އަތޮޅު ބުރުގެ ފައިނަލަށް ވާދޫ ދަތުރު ކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ތިނަދޫ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ދެ ޓީމް ގްރޫޕް ބުރުގައި ވާދަކުރި މެޗު 1-0 އިން ކާމިޔާބުކުރީ ވާދޫ ޓީމުންނެވެ.

މިރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ވާދޫ އިން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ވާދޫ އަށް ގޯލްތައް ޖަހައިދިނީ އަޔާޒް އަހުމަދު، މުހައްމަދު އިޔާދު އަލީ އަދި މުހައްމަދު ނާއިލް އެވެ. ވާދޫގެ އަނެއް ގޯލަކީ ތިނަދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި ތިނަދޫ އިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ހުސައިން އެވެ.

ވާދޫ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަތޮޅު ތަށި ކާމިޔާބުކުރިއިރު މިފަހަރު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ފުޓްސަލްގައި ނަން މަޝްހޫރު އަޔާ އެވެ.
އެންމެ ގިނަ ގޯލް ޖެހި ކުޅުންރެރިއަކަށް ހޮވުނީ ވާދޫގެ ޒުވާން ތަރި އިޔާދު އެވެ.

