މިއަދު އެކަނި ރާއްޖެއަށް 10000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 10،213 ފަތުރުވެރިންނާއި އެކީ މިއަދަކީ މިއީ، ފަތުރުވެރިކަމަށް ރިކޯޑެއް ގާއިމު ކޮށްފައިވާ ދުވަހެއް ކަމަށެވެ. އެހެން ކަމުން މިކާމިޔާބީއަށް މިނިސްޓަރ، ވަނީ އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
މިއަދު އެކަނި ރާއްޖެއަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 8،900 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 7 ވަނަ ދުވާހާއި ހަމައަށް ރާއްޖެއަށް 243،918 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 30،005 ފަތުރުވެރިންގެ އިތުރުވުމެކެވެ. އަދި 2022 ވަނަ އަހަރުގެ މި މުއްދަތަށް ބަލާއިރު، 80،234 ފަތުރުވެރިންގެ އިތުރުވުމެކެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއް ވަނައިގައި އޮތީ ޗައިނާއެވެ. ދެވަައިގައި ރަޝިއާ އޮތްއިރު، ތިން ވަނައިގައި އޮތީ އިޓަލީއެވެ. އަދި ހަތަރު ވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ފަސް ވަނައިގައި އޮތީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިންޑިއާއެވެ.

