ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ވަކީލް އަބްދުﷲ ނަސީރަށް ދޭން އެ ޕާޓީން މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި، ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.
ނަމަވެސް އަހުލާގީ މައްސަލައެއް ބެލުމަށް ފަހު، ޖާބިރުގެ ޓިކެޓް އަތުލައި އޭނާ ވަނީ އެމްޑީޕީން ވަކިކޮށްފަ އެވެ. އެހެންވެ، އެ މައްސަލަ އޭނާ ވަނީ އެމްޑީޕީގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ނަސީރު ކަން އިތުބާރު ހުރި ފަރާތަކުން ހުވަދޫއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޖާބިރުގެ ބަދަލުގައި އެމްޑީޕީގެ ޓިކެޓް ދޭން ނިންމި ގދ. ގައްދު އަށް އުފަން ނަސީރު އެންމެ ފަހުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އެއީ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓް ހިންގަވާށެވެ.
އޭގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި ވެސް ނަސީރު ކުރިން މަސައްކަތް ކުރެއްވި އެވެ. އަދި ބޮޑެތި މައްސަލަތަކުގައި ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކޮށް ކާމިޔާބު މަސައްކަތްތަކެއް ނަސީރު ވަނީ ކުރައްވާފައެވެ.
ޖާބިރު ޕާޓިން ވަކިކުރި މައްސަލައިގެ އިސްތިއުނާފު މައްސަލަ ވެސް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

