ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ 9 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހެނދުނު 9:30 އިން މެންދުރު ފަހު 15:30 އާއި ހަމައަށެވެ.
މެޓުން ވިދާޅުވީ، މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު ދެކުނާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
އިރު އުތުރާއި އިރުން، މެދު ރައްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލައި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

