ކުރީ ސަރުކާރުތަކުން އެއްވެ އުޅުމުގެ ޙައްޤު ޤާނޫނުން ހިފަހައްޓާފައި އޮތް އޮތުމަށް ދެވޭނެ ލުއިތައް ވަރަށް އަވަހަށް މިސަރުކާރުން އިއުލާނުކުރާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހްސާން މިހެން ވިދާޅުވީ ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހާސިލުކުރުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއާ މަތިކުރައްވާފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަދައްކަވަމުންނެވެ.
އިހުސާނު ވިދާޅުވީ އެއްވެއުޅުމުގެ ހައްގު ހަނިކޮށްފައި އޮތް އޮތުމަށް ދެވޭނެ ލުއިތަކެއް ބަލައި އިއުލާނުކުރުމުގެ މަސައްކަތް ހަފުތާ 14 މަގުޗާޓުގެ ތެރެއިން ކުރެވުމުންދާ ކަމަށެވެ.
“ކުރީގައި އެބަހުރި ރެސްޓްރިކްޝަންސްތަކެއް [ހިފަހެއްޓުންތަކެއް] އަޅާފައި، މިސާލަކަށް މާލޭގެ އެއް ތަނެއް ފިޔަވައި ކޮންމެ ތަނަކަށް އެއްވާއިރުގައި ފުލުހުންގެ ކުރިއާލައި ނަގަންޖެހުމާއި މިކަންކަން. އަޅުގަނޑުމެން އެބަދަން އެއަށްދެވޭނެ ލުއިތަކެއް ދިރާސާކުރަމުން. ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ ލުއިތައް ދިރާސާކޮށް އިއުލާނުކުރާނަން،” އިހްސާން
ހަފުތާ 14ގެ ތެރެއިން ކުރެވުމުންދާ ބައެއް އިތުރު މަސައްކަތްތަކާ ގުޅޭ ގޮތުންވެސް އިހުސާނު ވާހަކަދެއްކެވިއެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ނިންމައި، އެ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ އެކްޝަން ޕްލޭން ތަންފީޒުކުރަން ފެށުމާއެކު މިހާތަނަށް އެ ނިޒާމުގެ ތެރެއިން ނުކުރެވި މަޑުޖެހިފައި ހުރި ގިނަ ކަންތައްތަކެއް ހިނގައިގަންނަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އެހެންވީމާ ކުޑަކުދިންގެ އަދުލުގެ މުޅި ނިޒާމު ހިންގައިގަތުމަށް މިހާރު ނުކުރެވި ހުރި ކަންކަން ކުރުމަށް މިވަގުތުވާނީ ފެށިފައި،”
އިތުރަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ހަފުތާ 14ގެ ތެރެއިން އޭނާގެ ވުޒާރާއިން ކުރަމުންދާ އެންމެ މުހިއްމު އަނެއް މަސައްކަތަކީ މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ ރަށްރަށުގައި އެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ރައީސް ޑރ.މުޢިއްޒު ހުވައިކުރެއްވި ފަހުން ކުރިން ފުލުހުންގެ ޚިދުމަތް ލިބެން ނެތް 10 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހައި ދުވަސް ތެރޭގައި، އިތުރު 9 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

