ޤައުމުބިނާކުރުމުގައި ތަފާތުކުރުމެއް ނެތި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ރައީސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ ނުވަ ވަނަ "އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ"ގެ ބައްދަލުވުމުގައި ސާޖިދާ ދެއްވި ވީޑިއޯ މެސެޖުގައެވެ.
އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިޤްތިޞާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު (ނަންބަރު: A/RES/70/212) ގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ.
މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮވާލާ މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުޞަތެއްވެސް މެއެވެ.

