ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް އިސްރާއީލުގެ ނިރުބަވެރިންގެ ހަމަލާތައް އިތުރުވެފައިވާއިރު، ދީރް އަލް ބަލާހުގައި މީހުން ދިރިއުޅޭ ގެތަކަށާއި އަލްޒަވައިދާ ރެފިއުޖީ ކޭމްޕަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޒްރޭލުން ހަތަރު އާއިލާއެއްގެ މީހުން ދިރިއުޅޭ ގެތަކަށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 15 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު، އަނެއް ބައި މީހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ .
ދީރު އަލް ބަލާހުގައި ހަމަލާދިން މީހުން ދިރިއުޅޭ އިމާރާތުގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަންހެނެއް ކަމަށްވާ ސުމައްޔާ އަހްމަދު ބުނިގޮތުގައި ހަމަލާ ދިން އިރު އާއިލާގެ މީހުން ނިދަން ތައްޔާރުވަމުން ދިޔަ ކަމަށެވެ.
މިހަމަލާގައި އޭނާގެ ދައްތައާއި އޭނާގެ ފިރިމީހާއާއި ދަރިންވެސް ވަނީ މަރާލާފައެވެ. އަދި އެތައް ކުދިންނެއް އިމާރާތްތަކުގައިވާ ފަރުނީޗަރުގެ ދަށުވެ އެހީއަށް އެދި ގޮވަމުންދެއެވެ
ސުމައްޔާ އިތުރަށް ބުނިގޮތުގައި އެމީހުން ދިރިއުޅުނު އިމާރާތުގެ ތިރީގައި އުޅުނު އިތުރު ދެ އާއިލާގެ މީހުންވެސް މިހަމަލާގައި ވަނީ ޝަހީދުވެފައެވެ
ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެ މީހުންގެ ހަށިގަނޑާއި ޒަހަމްވި މީހުން ނެރެވުނީ އަނެއް ދުވަހު ހެނދުނުއެވެ. ސުމައްޔާ މައުލޫމާތު ދިން ގޮތުގައި އިމާރާތުގައި އެތައް ބަޔަކު ހިޔާވަހިކަން ހޯދަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އުތުރުގެ ޝެއިޚް ރަދުވާން އަވަށުން ގެދޮރު ގެއްލިފައިވާ ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިން ވެސް ހިމެނޭ ކަމަށެވެ.
އެތަނުގައި ހުރި އަހަރެމެންގެ ގެ ވަނީ ހަލާކުވެފަ. އަހަރެމެންގެ” ދަރިންވެސް މަރައިލީ” އޭނާ ބުންޏެވެ.
މިއީ އިސްރާއީލު ސިފައިން އެ ސަރަހައްދަށް ހަމަލާ ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ބުދަ ދުވަހުގެ ރޭގެ ހަމަލާގެ ކުރިންވެސް އެކި ފަހަރު މަތިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ގެތަކަށާއި ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސުމައްޔާ އިތުރަށް މައުލޫމާތު ދެއެވެ.
ޝަހީދުވި ގިނަ މީހުންނަކީ ޣައްޒާގެ އުތުރުން ހިޖުރަކުރަން މަޖުބޫރުވި ފަލަސްތީނުގެ އެތެރޭގެ ގެދޮރު ގެއްލިފައިވާ މީހުންނެވެ

