ފިރިން ކައްކަން ބަދިގެއަށް ވަދެ، އަންނައުނު ދޮވެ އިސްތިރިކޮށް، ކުދިން ނެޕީ ބަދަލުކޮށް، ތާހިރުކޮށް، ފެންވަރުވައި ހެދުމަކީ ބައެއް މީހުންގެ ނަޒަރުގައި ފިރިހެނުން ރަނޑުވާ ކަމެކެވެ. ނުވަތަ އަނބިދަށުވެ، ފިރިހެން ވަންތަކަން ގެއްލޭ ކަމެކެވެ.
އަދި މިގޮތަށް ފިރިމީހާ އުޅޭތަން އޭނާގެ މަންމައަށް ފެނިއްޖެނަމަ އަނބިމީހާއަށް ބަސްބުނެއެވެ. އަދި ތިމަންނާގެ ދަރިފުޅު އަޅުކޮށްގެން ގެންގުޅެނީކަމުގެ ތުހުމަތު އަޅުވައެވެ.
ހަމަމިގޮތަށް ފިރިމީހާއަށް ކަންތައްތަކުގައި ދޫދިނުމާއި އާމްދަނީހޯދުމަށް މަސައްކަތް ކުރާނަމަ އެ އަންހެނަކަށް ފިރިމީހާއަށް އަޅުވެތިވަނީކަމުގެ ލަގަބު ދެއެވެ.
އެކަމަކު ހަގީގަތުގައި މިއީ ތެދު ވާހަކަތަކެއްބާވައެވެ.

ކާމިޔާބު ހަޔާތެއް ވޭތުކުރެވޭނީ ހިއްސާ ވުން ހަމަހަމަ ކަމާއެކު ދީގެން…ފޮޓޯ: އައިސްޓޮކް
ކައިވެންޏަކީ ދެމީހަކު އެކަކަށް ވާ ކަމެކޭ ބުނަނީ ހަމައެކަނި ލޯބީގެ ހާސަރު އޮންނަ ވާހަކަތަކުގައެއް ނޫނެވެ. އެއީ ތެދެއްވެސްމެއެވެ.
ކައިވެނި ކުރުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު އެކުގައި ކިތަންމެ ގިނަދުވަހު އުޅުނަސް އެއީ ޝަރުއީ ގޮތުންވެސް ދުނިޔަވީ ގޮތުންވެސް އެކަކު އަނެކަކަށް ކަންތައްތަކެއް ހިއްސާ ކުރެވޭ ބައެއް ނޫނެވެ.
އެކަމަކު ކައިވެނި ކުރުމުން އެދެމީހުން ހުރިހާ ގޮތަކުންވެސް ހިއްސާދާރުންނަށް ވީއެވެ.

ލޯތްބާއި އެހީތެރިކަމާއި އެއްބާރުލުން ދިރިއުޅުން ކާމިޔާބު ކޮށްދޭނޭ….ފޮޓޯ:ކަޕަލްއިމޭޖް
އެހެންކަމުން ދިރިއުޅުމުގައި ދެމީހުން ހުރިހާ ކަމެއްގައިވެސް އެކަކު އަނެކަކަށް ކަންތައްތަކުގައި އެހީތެެރިވެ އޯގާތެރިވުމަށް މިމާތް ގުޅުން އިލްތިމާސް ކުރެއެވެ.
މާތްވެެގެންވާ އިސްލާމްދީނުގައިވެސް ކައިވެންޏަށްފަހު ފިރިމީހާއަށް އޭނާގެ އަނބިމީހާއަށް ދިނުން ލާޒިމުކުރާ ވާޖިބު ހައްގުތަކެއް ވާފަދައިން އަނބިމީހާގެ މައްޗަށްވެސް އޭނާގެ ފިރިމީހާއަށް އަދާ ކުރަން ޖެހޭ ހައްގުތަކެއް ވެއެވެ.
މިއީ ހަމައެކަނި ބޯހިޔާވަހިކަން ދިނުމާއި ފައިސާ ހަރަދުކުރުމާއި ދަރިން ބެލުމެއް ނޫނެވެ. ގޭތެރެއާއި ދިރިއުޅުން ވެސް ހިއްސާކުރަން ޖެހެނީ ހަމަހަމަކޮށެވެ.
ގޭތެރޭގެ މަސައްކަތްތަކުގައި ވަގުތު އޮތް މިންވަރަކުން އެކަކު އަނެކަކަށް އެހީވާން ވާނެއެވެ.
އަނބިމީހާ ކައްކަން ބަދިގެއަށް ވަދެ ރޮށި ފިހާނަމަ ރިހަކެއްކުމަށް ތައްޔާރުކޮށްދީ ކޮށަންޖެހޭ ތަކެތި ކޮށައި ދޮންނަން ހުރި ތަށިތެލި ދޮވުމުގައިވެސް ފިރިމީހާއަށް އެހީވެވޭނެއެވެ. އަނބިމީހާ އަންނައުނު ދޮންނަން މެޝިނަށް އަޅައި ދޮވެ ހިކުމުން ފިިރިމީހާއަށް އެއަންނައުނު ރޯނުގައި އަޅައިދެވޭނެއެވެ.
ކުދިންގެ ކަންތަކުގައިވެސް އެހީތެރިވެވޭނެއެވެ. މިފަދަ ކަންކަމުން ދެމެދުގައި އޮންނަ އިތުބާރާއި ލޯބި ގަދަފަދަވެ ގުޅުން ހަރުދަނާވާނެކަން ޔަގީނެވެ.

ލޯބިވެއޭ ބުނުމަށް ވުރެ އެކަން ސާބިތުކޮށްދޭން ލިބިދިނުން މާމުހިންމެވެ….ފޮޓޯ:އައިސްޓޮކް
ފިރިންނަކީ ހަމައެކަނި ފައިސާ ހޯދައި ގޭގެ ހަރަދު ބަލަހައްޓާ ބަޔަކަށް، އަދި އަނބިންނަކީ ގޭތެރެ ބަލަހައްޓައި، ދަރިން ވިހެއުމަށާއި އެކުދިން ބަލައި ބޮޑު ކުރުމަށް ތިބޭ ބައެއްކަމުގައި ހަދައިގެން ވާކަށް ނެތެވެ.
ދެމީހަކު ހިއްސާ ވެގެން ނޫނީ ދިރިއުޅުން ފުރިހަަމަ ނުވާނެކަން ދަންނަން ޖެހޭނެއެވެ.
އެކަކު އަނެކަކަށް ހިއްސާވާ ދިރިއުޅުންތަކުގެ ކާމިޔާބުކަން ހޯދާ ބަލާލީމާ ފެންނާނެއެވެ. އަދި ދެމަފިރިން އަބުއިކަންމަތީ، ކަންތައްތައް ހިއްސާނުކޮށް ރަސްމީކޮށް އުޅޭ ދިރިއުޅުންތަކުގައި ހަމަޖެހުމެއް ނޯންނަކަމާއި އެއްވެސް ކުރިއެރުމެއް ނެތްކަން އެފަދަ ދިރިއުޅުންތަކަށް ބަލާލީމަ ވަރަށްވެސް ރީއްޗަށް ފާހަގަވެ އެނގޭނެއެވެ،

