ފަލަސް ރައްޔިތުން ތިބީ ބަނޑަށްޖެހުމުގެ އައްސޭރީގައި ކަމަށް ބުނެ އދ އިން އިންޒާރު ދީފިއެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހިދާނެ ކަމަށް އދ އިން އިންޒާރު ދީފައިވާއިރު، ކައިރި ސަރަހައްދުތަކުން ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުކުރެއެވެ.
ޣައްޒާގައި ހަރަކާތްތެރިވާ އދ ގެ މައި އިދާރާ، ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންޑަބްލިއުއާރްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި އެހީ ފޯރުކޮށްދޭ ގައުމުތަކުން އެހީ ފޯރުކޮށް ނުދޭނަމަ އެ އެޖެންސީގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލަން މަޖުބޫރުވެދާނެ ކަމަށެވެ. މިއީ އިޒްރޭލަށް ބައިނަލްއަގުވާމީ ކޯޓުން މިހާރުން މިހާރަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ޣައްޒާ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމަށް އަމުރު ކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 30000 އަށް އަރާފައިވާކަމަށް ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓަރއިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓްތަކުން ދައްކައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނެވެ.

