ވޮލަންޓިއާކޮށް އަމިއްލަ ބައު އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ފަހިކޮށްދިނުމުގެ ގޮތުން ޓްރާސްޕޯޓް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި މަސައްކަތުގެ މަގުސަދަކީ އެއްގަމު އުޅަނދުތައް މާލެ ސަރަހައްދުގައި ގިނަވެ ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާންމުނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބޭނުމަށް އެ ވުޒާރާއިން އިސްނަގައިގެން އެކުލަވާލި ޕްރިގުރާމެއް ކަމަށެވެ.
އެގޮތުން އަބާން ޓްރެފިކް ޑީ ކޮންޖެކްޝަން މެނޭޖުމެންޓް ކޮމެޓީގެ މަޝްވަރާގެ މަތިން ކުރު ރާސްތާ އަދި ދުރު ރާސްތާ ކުރެވިދާނެ ކަންކަމަށް ނިންމި މަސައްކަތުގެ ތެރެއިން ފުރަތަމަ ފެށުމަށް ނިންމަފައިވާ މަސައްކަތް ކަމަށްވެސް ބުނެފައި ވެއެވެ.
އުޅަނދުތައް ނައްތާލުމަށް ކުރެވޭ މި މަސައްކަތުގެ ބޭނުމަކީ މާލެ އަދި ހުޅުމާލެ ސަރަހައްދުގައި މަގުތަކުގައި ގިނަދުވަހު ބޭނުން ނުކޮށް ބަހައްޓަފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަނގޫތަކަށް އަވަސް ހައްލެއް ހޯދުންކަމަށްވެސް ވަނީ ބުނެފައެވެ.
މިހެންކަމުން މަގުމަތި ފުރި 4 ލޭނުގެ މަގުތައް 2 ލޭނަށް ކުޑަވެގެންދިއުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތައް ކުޑަކުރުމުގެ ބޭނުމުގައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެއެވެ.
މިގޮތުން މި ޕްރިގުރާމްގެ ދަށުން މީގެ ކުރިން އުޅނދުތައް ނައްތާލަން ބޭނުންވެ ނައްތާނުލެވިފައިވާ އުޅަނދުތައް ނައްތާލުމަށް ފުލުހުންނާއި ވެމްކޯގެ އިތުރުން މިނިސްޓްރީންވެސް އެއްބާރުލުން ދޭނެ ކަމަށް ބުނެއެވެ. އެހެންކަމުން މި ކަމަށް ހައްލެއް ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޕްރޮގްރާމްގެ މުއްދަތަކީ މިމަހުގެ އަށެއް އިން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަމަޔަށް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

