ތިނަދޫ ސިޓީގައި ޒަމާނީ ފެންވަރަށް އަލަށް ހަދަމުންދާ މަގުތައް ކުރެހުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ފަށައިފިއެވެ.
ފިޔަވަހިތަކަށް ބަހާލައިގެން ތިނަދޫ ގެ މަގުތައް ހެދުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢު ގެ 2 ވަނަ ފިޔަވަހީގައި ވަނީ ރަށުގެ 26 ކިލޯ މީޓަރު މަގުގައި ތާރަ އަޅައި ނިންމައި އެ ހުރިހާ މަގެއް ގައި މަގު ބައްތި ވެސް ހަރުކޮށްފައެވެ.
އާރުޑީސީ ތިނަދޫ ސައިޓުން މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ސިޓީ ގެ މަގުތައް ހެދުމުގައި ބައެއް މަގު ތަކުގެ ދުވާރު ހެދުމަށް ބޭނުންވާ ގާތައް ތިނަދޫއާ ހަމަޔަށް ލިބުމުގައި ލަސްކޮށް އުޅޭތީ އެ މަގުތަކުގައި ގާ އެތުރުން އަދި ވަނީ ނުނިމިއެވެ. ނަމަވެސް މަސައްކަތް އަވަހަށް ނިންމަން ބޭނުން ވާތީ މިއަދު ވަނީ މަގު ކުރެހުމުގެ މަސައްކަތް ފަށާފައި ކަނަށް ވެސް އާރުޑީސީއިން ބުނެއެވެ.

ތިނަދޫ ސިޓީ ގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ފުރަތަމަ ފިޔަވަހިގައި ހެދި މަގުތައް ކުރަހަން ބޭނުން ކޮއްފައި ވަނީ ހުދު ކުލައެވެ. ނަމަވެސް މިފަހަރު އަލަށް ހެދި މަގުތަކުގައި ބޭނުން ކުރަނީ ރީދޫ ކުލަ އެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގެ މަގުތައް ހެދުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއި އެކު 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް 3 ވަނަ ފިޔަވަހީގައި ސިޓީ ތެރޭގައި ނުނިމި ހުރި ހުރިހާ މަގެއްގެ އިތުރުން ބޭރު މަގު (ރިނގް ރޯޑް) އަދި އަލަށް ހިއްކައި ބިމުގައި ހިމެނޭ މަގުތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

