ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރަން، މިހާރު ވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ޖާބިރު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފިއެވެ.
އީސީއާ ހަވާލުކޮށްފައި ވަނީ އޭނާގެ އަންހެން ދަރިފުޅުން އައިމިނަތު ޖާބިރާއި ފިރިހެން ދަރިކަލުން މުހައްމަދު ޖާބިރެވެ.
ޖާބިރުގެ ފޯމް އިލެކްޝަނަށް ހުށައެޅުމާއި ގުޅިގެން ” ހުވަދޫ ” އަށް ޖާބިރު ވިދާޅުވީ މަޖިލީޙުގައި ކާށިދޫ ދާއިރާ ތަމްސީލު ކުރުމަށް އަމިއްލަ ގޮތުން ފޯމް ހުށައަޅުއްވާފައިވާނެ ކަމަށެވެ. އަދި އެ ފޯމް މިހާރު އީސީން ބަލައިގެންފައިވާ ކަމަށެވެ.
” އަޅުގަނޑު ފޯމް ހުށައަޅައިފިން. ފޯމް އިލެކްޝަނުން ބަލައިވެސް ގަނެފި- ޖާބިރު
ޖާބިރުގެ ފޯމު ހުށަހަޅަން އޭނާގެ ދަރިފުޅު އަހްމަދު މުއާޒު އަދި މާހިލް ޖާބިރު ވެސް ވަޑައިގަތެވެ. އަހުމަދު މުއާޒް ވަނީ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ އައެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވާފައެވެ. އަދި އިއްޔެ ވަނީ އީސީއަށް ފޯމު ވެސް ހުށަހަޅުއްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި އެމްޑީޕީއާ ގުޅި، ޖާބިރު ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓަށް ވާދަކޮށް ޓިކެޓު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޕްރައިމަރީ ބޭއްވިތާ ދެދުވަސް ފަހުން ޖާބިރުގެ ޓިކެޓު އަތުލައި އޭނާ ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމިއެވެ.
ޖާބިރު އަކީ ރާޢްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މަގުބޫލު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

