ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ “ފަންނީ އުފާ” ހަރަކާތް އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 އިންފެށިގެންނެވެ. އެެންކަމުން 16ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި 20:30 އިން 23:00 އަށް ސޯޝަލް ސެންޓަރުގައި ކަމަށްވެސް ބުނެފައި ވެއެވެ.
މިކަން އިއުލާންކޮށްފައިވަނީ މިކަމަށް ހާއްސަކޮށްގެން ސޯޝަލް ސެންޓަރުގައި ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި “ފަންނީ އުފާ”ގެ ލޯގާ ވަނީ ދައްކާލާފައެވެ.
ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.
މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތުމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަަށްވެސް ބުނެފައި ވެއެވެ.
“ފަންނީ އުފާ” ހަރަކާތަކީ:
– ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އެކްސްޕޯޝާރ އެއް
– ޒުވާނުންގެ ހުނަރު ދައްކާލުމުގެ ޕްލެޓް ފޯމްއެއް
– ޒުވާނުން އެއްތަނަކަށް އެއްވުން މަޖާ، ހިތްގައިމު މާހައުލެއް، ހޯދައި ދިނުން
ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބުނީ މިއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު އޮންނަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

