ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވާދަވެރިން ކަމަށްވާ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އާއި ބިލަވާލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގުޅިގެން ސަރުކާރެއް އެކުލަވާލަން އެއްބަސްވެއްޖެ އެވެ.
މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ޕާކިސްތާން އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާއިރު، އިންތިހާބުގެ ނަތީޖާ އިޢުލާނުކޮށް ނިމިފައި ވަނީ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.
އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރެއް އުފައްދާ ވަރަށް މެޖޯރިޓީ ލިބިފައި ނުވާއިރު، 95 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިމްރާން ހާންގެ ޕީޓީއައި އަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުންނެވެ. ދެވަނަ އަށް، 75 ގޮނޑިއާއެކު ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އިރު، 54 ގޮނޑިއާއެކު ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީޕީޕީ ޕާޓީންނެވެ. ސަރުކާރެއް އެކުލަވާލުމަށްޓަކައި 336 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 134 ގޮނޑި ޕާޓީއަކަށް ލިބެންޖެހެ އެވެ.
މިފަހަރު އާ ސަރުކާރެއް އެކުލަވާލުމަށް ޕީއެމްއެލް-އެން އާއި ޕީޕީޕީ ކޯލިޝަން ހަދާއިރު، އިމްރާން ވެރިކަމުން ދުރުކުރުމަށްޓަކައި 2022 ވަނަ އަހަރު ވެސް އެ ދެ ޕާޓީން ކޯލިޝަން ހެދި އެވެ.
ޕީއެމްއެލް-އެންގެ އޮފިޝަލް ވިދާޅުވީ ޕާޓީގެ ލީޑަރު ޝަރީފްގެ ވިސްނުން ހުރީ ބޮޑުވަޒީރު ކަމަށް އޭނާގެ ކޮއްކޮ ޝަހްބާޒް ގެނައުމަށެވެ. މި ދެ ބޭފުޅުންނަކީ ވެސް މީގެ ކުރިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
ނަވާޒުގެ ޕީއެމްއެލްއިން ވަނީ މީގެކުރުން ތިން ފަހަރު މަތިން ޕާކިސްތާނުގެ ވެރިކަން ކޮށްފައިވާއިރު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިމްރާން ޚާނާއި އޭނާގެ ޕާޓީން ތުހުމަތުކުރެ އެވެ. އެގޮތުން އިންތިހާބުގައި ވޯޓުލި ގިނަ ބަޔަކު ވަނީ ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ، އެ ގައުމުގެ އެކި ހިސާބުތަކުގެ ހައިވޭތައް ބަންދުކޮށް އިހުތިޖާޖު ކުރަން ފަށައިފައެވެ. މި އިހުތިޖާޖުތައް ކުރަން ފެށުމާއެކު ޕާކިސްތާނުގެ ފުލުހުން ވަނީ ރަޔަޓް ގިޔަރުގައި އައިސް މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައިފައެވެ.
ޕާކިސްތާނުގެ ފުލުހުން ބުނީ ބައެއް ފަރާތްތަކުން އަންނަނީ އިލެކްޝަން ކޮމިޝަން އަދި ސަރުކާރުގެ އޮފީސްތައް ކައިރީ މުޒާހަރާ ކުރަމުންދާ ކަމަށާއި، ގަވައިދާ ހިލާފަށް އެއްވާނަމަ ގާނޫނުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

