ޑިޕްރެޝަނަކީ ދިރިއުޅުމުގެ ދިމާވާ ހިތާމަތަކާއި ކަންބޮޑުވުންތަކުން އަރައިނުގަނެވި ދުވަހެއް ދުވަހަކަށް މީހާ އޭގެ ތެރެއަށް ގެނބި ގޮސް ސިކުނޑީގެބަލިކަށިކަމަށްވެ ނަފުސާނީ މައްސަލައަކަށްވުމެވެ. ޑިޕްރެޝަން ދިމާވާ އެތައް އެތައް ކަމެއް ހުރެއެވެ. އޭގެ ތެރެއިންވެސް އެންމެއާންމުކަމަކީ ދިމާވާ ކަމަކުން އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ގޮތްވުން، ހިތާމައާއި ހިތްދަތިކަމުން އަރައިނުގަނެވޭ މައްސަލަތަކެވެ. އެންމެ ފަހުން މި އެކަނިވެރިކަން ބޮޑުވެ ތާއަބަދު އެކަމާާމެދު ފިކުރުކުރެވި ގޮތްހުސްވާހިސާބަށް ކަންތައްދެއެވެ. ގިނަފަހަރު ހާލަތު ބަޔާންކޮށްދޭން މަސައްކަތް ކުރުމުން އެހާލަތަށް އެކަށީގެންވާ ފަރުވާ ނުލިބުމަކީވެސް އެއް މައްސަލައެވެ.
ޑިޕްރެޝަންގެ މައިގަނޑު އަލާމާތަކީ އާންމުގޮތެއްގައި ހިތާމައާއި ކަންކަމުން އުންމީދުކެޑި މާޔޫސްވާގޮތް ވުމެވެ. އަދި އެންޒައިޓީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކަންބޮޑުވުމާއި، ނުތަނަވަސްކަމާއި، ބިރުވެރިކަމުގެ އިހުސާސްތަކެވެ. މިދެކަމުގައިވެސް ހިތާމައާއި ރުޅިއަކީ އެންމެ ގާތް ދެ އިހުސާސެވެ. އެކަކަށް ވަރަށް ކުޑަކުޑަކަމެއް އަނެކަކަށް ވަރަށް ބޮޑު ކަަމަކަށްވެސް ވެދާނެއެވެ. އެހެނީ އެންމެންގެ ކެތްތެރިކަމާއި ކަންކަމާ ކުރިމަތިލައި ޑީލް ކުރުމުގެ ފެންވަރު އެއްވަރަކަށް ނުހުންނާނެތީއެވެ.
ހިތާމަ ކުރުމުގެ ބައްޔަށް ދެވޭނެ އެކަށޭނަ ފަރުވާ ހޯދިފައި ހުއްޓަސް، ހިތާމަކުރުމުގެ ބަލި ކުރިމަތިވެފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ލިބެނީ %10 އަށްވުރެ މަދު މީހުންނަށްކަން ފާހަގަ ކޮށްލެވެއެވެ.
މިގޮތަށް ދިމާވާންޖެހޭ ސަބަބުތަކުގެ ތެރޭގައި ފަރުވާދެވޭނެ މަޞްދަރުތައް ފަހިވެފައިނެތުން، ތަމްރީނު ލިބިފައިތިބި މީހުން ނެތުން، ރަގަޅަށް ބަލިމީހާގެ އެސެސްމެންޓް ނުހެދުމުގެ ސަބަބުން ބަލިހުރިކަން ދެނެނުގަނެވުން، އަދި ނަފްސާނީ ބަލިތަކާމެދު މީހުން ދެކޭގޮތް ތަފާތުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޑިޕްރެޝަންގެ މައިގަނޑު އަލާމާތަކީ އާންމުގޮތެއްގައި ހިތާމައާއި ކަންކަމުން އުންމީދުކެޑި މާޔޫސްވާގޮތް ވުމެވެ……ފޮޓޯ:އައިސްޓޮކް
މުޖުތަމައުގައި ދުވަހަކަށްވުރެ ދުވަހެއް އިތުރަށް ފެތުރެމުންދާ ސިކުނޑީގެބަލިކަށިކަމާއި ނަފުސާނީބަލިތަކާމެދު އަދިވެސް ފާޑުފާޑުގެ ވާހަކަ ދައްކާމީހުން މަދެއް ނޫނެވެ. މިއަދު ފޭސްބުކް ޕޯސްޓުތަކުން ހިއްސާވަމުންދާ ވާހަކަތައް ފެނުމުން ހިތަށް އެރިއެވެ. ފޭސްބުކް ޕޯސްޓުތައް މެދުވެރިކޮށް ހާލަތު ބަޔާންކޮށްދޭން ޒުވާނަކު މަސައްކަތްކުރިއިރު އޭގެ އަޑީގައިވާ ވޭނާއި ކެކުޅުން އިހުސާސެއް ނުވެއެވެ.
ސަބަބަކީ އަދިވެސް ބައެއް މީހުންނަށް ސިކުނޑީގެމައްސަލަތަކާއި ނަފްސާނީ މައްސަލަތަކަކީ އެއްވެސް ބޮޑުކަމެއް ނޫނެވެ. އެއީ "ހެދިގަތުމެކެވެ." އެއީ ފިނޑިކަމުން އަގީދާ ބަލިކަށިކަމުން ދިމާވާހާ ކަންކަމެވެ، އެއީ މާބޮޑަށް ސަމާލުކަން ބޭނުންވާތީ ދައްކާ ވާހަކައެވެ. އެއީ ބައްޔެއް ނޫނެވެ. ހުމެއް ނާދެއެވެ. ލޭގެ ޓެސްޓުތަކާއި އެހެން ޓެސްޓުތައްވެސް ހަމަރަނގަޅެވެ. ލޭގެ މައްސަލައެއް ނެތެވެ. ވީއިރު ބައްޔަކަށް ވާންވީ ކީއްވެހެއްޔެވެ. އެއީ ހަމަ އެއްވެސް ކަމެއްނޫނެވެ. މިއީ ޑިޕްރެޝަން، އެންޒައިޓީ ފަދަ ބަލިތަކާމެދު ދެކޭ ގޮތެވެ.
އެހެންކަމުން ގާތުގައި އުޅޭ މީހަކު ކިތަންމެ ބުނެދޭން ބޭނުންވިޔަސް އެވާހަކަ ގަބޫލުކޮށް އެކަމުގެ ހާއްސަ ފަރުވާއަކާ ހަމައަށް ދާނެ ފަދައެއް އޮންނާނެތޯއެވެ، ނޫނެވެ. އެންމެ ފަހުން މަލާމާތާއި ފުރައްސާރައަކަށްވެ ޖޯކަކަށް ހަދައި ބަސްބުނެވޭ ހިސާބަށްވެސް ކަންތައްދެއެވެ. އަދިދެން ގާތުގައި އުޅެފައި އަބަދުގެ އަބަދަށް ވަކިވެދާތަން ފެނުމުން ދެން ހަމްދަރުދީގެ ކޯރެއް ބަންޑުންކުރިއަސް އެ ވަގުތެއް އަނބުރާ ނުގެވޭ ހިސާބަށް ކަންތައް ހިނގައިދެއެވެ.

ވަގުތު މާލަސްނުވަނީސް އޯގާތެރިވެދޭށެވެ….ފޮޓޯ: އައިސްޓޮކް
އެކުގައި އުޅުނުވަގުތު އެހީތެރިކަމުގެ އަތެއް ދެވުނުނަމަ، ބިޒީ ދިރިއުޅުމުން ވަގުތުކޮޅެއް ހުސްކޮށްދެވުނު ނަމަ، މިކަހަލަ ކިތަންމެ "ނަމަ"އެއް މިކަމުގައިވެސް ވާނެއެވެ. އެއްވެސް މީހަކަށް އަނެއްމީހާ އުފުލާ ވޭނުގެ އިހުސާސެއް ނުކުރެވޭނެއެވެ. ޑިޕްރެޝަނަކީ އަހަރެމެންގެ މިކުޑަކުޑަ މުޖުތަމައުގައި އެންމެ ބާރަށް ފެތުރެމުންދާ އެއް މައްސަަލަކަން އަދިވެސް ގަބޫލުކުރަން ބޭނުން ނުވާ ފަރާތްތައްވެސް އުޅޭނެއެވެ. އެކަމަކު މިއީ ހަގީގަތެކެވެ،
ޑިޕްރެޝަންއަކީ ބައްޔެއް ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާއިރު ޑިޕްރެޝަން ހުންނަ މީހުންނާ ދިމާލަށް ވަރަށް ގިނަ މީހުން އެބަ ބުނޭ ތިހެން ވަނީ އީމާންތެރިކަން ކުޑަވީމައެވެ، އީންމާންތެރިކަމެއް ނުހުންނާތީއެވެ. އަޅުގަނޑު ހިތަށްއަރާ، ހުންއައިސް ނުވަތަ އަތެއް ފަޔެެއް ބިންދައިގެން ދިއުން، ނޫނީ ކެންސަރު ފަދަ ނުރައްކާތެރި ބަލި ޖެހުމުން އެހެން ނުބުނަނީ ކީއްވެބާއެވެ.
ބުނަން މިއުޅެނީ ބަލި ޖެހިފަ ހުންނަތަށް ލޮލަށް ނުފެނުނަސް ނޫނީ ތަނަކުން ލޭ އަންނަތައް ނުފެނުނަސް ޑިޕްރެޝަންއަކީ ބައްޔެކެވެ. އަދި އެއީ އާަދައިގެ ބައްޔެެއްނޫނެވެ. އަދި ޑިޕްރެޝަން ހުންނަނީ އީމާންތެރިކަން ނެތިގެން ނުވަތަ އީމާންތެރިކަން ކުޑަވެގެން އެއްވެސް ނޫނެވެ.ކިތެެއްމެ ދީންވެރި މީހަކުވެސް މި ބަލި ހުރެދާނެއެވެ. ދީނީ ޢިލްމު ވެރިންނަށްވެސް މި ބަލި ޖެހެއެވެ.
ޑިޕްރެޝަންގެ ވޭން ތަހައްމަލު ކުރާ މީހެއްގެ ހައިޞިއްޔަތުން އަޅުގަނޑު ބުނެލަމެވެ. މި ވޭނަކީ ތި ހީކުރާ ވަރަށް ވުރެ މާ ބޮޑު ވޭނެކެވެ. އަދި މިކަމުން ސަލާމަތްވާން މި ބަލި ހުންނަ ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ.އަދި މަސައްކަތް ކުރާނެއެވެ. ދީނީ ގޮތުންނާއި އަދި އެހެން ގޮތް ގޮތުންވެސް މަސައްކަތް ކުރަާނެއެވެ. އަދި ބުނެލަމެވެ، ހަމްދަރުދީގެ ބަހެއް ނުބުނެވެންޏާ އެެއްވެސް އެއްޗެއް ނުބުނެ ތިބިއްޔާ ވަރަށް ރަނގަޅެވެ.
"ތިއީ އަމިއްލަައަށް އުޅޭ ގޮތެއް، ތިހެން ތިވަނީ އީމާންތެރިކަމެއް ނުހުންނާތީވެ…." މީހުންގެ ސަޕޯޓް ބޭނުންވާއިރު މިފަދަ ބަސް ބަސް ބުނެލުމުން ހިތަށް ވަރަށް އަސަރު ކުރާނެއެވެ. އިތުރަށް މީހާ ޑިޕްރެސް ވާނެއެވެ. އެހެން ކަމުން ބަލިން ސަލާމަތް ވާން ކުރާ މަސައްކަތް ހުއްޓާލަން ބޭނުންވެ ދުނިޔެ މަތިން ފޫހިވެ އަމިއްލައަށް މަރުވާ ހިސާބަށް ގޮސް ބައެއް މީހުން އަމިއްލަ އަށް މަރުވެސްވެއެވެ. މި ފަދަ ކަން ކަމުން ސަލާމަތްވާން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެއެވެ.
ކޮންމެ ބައްޔަކަށް ޝިފާ ދެއްވަވާފަދައިން މި ބައްޔަށް ވެސަ ޝިފާ ދެއްވަވައެވެ. ބޭނުންވަނީ މީހުންގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެވެ.ޔާالله! ޑިޕްރެޝަންގެ ވޭން ތަޙަމަލް ކުރަމުންދާ ފަރާތް ތަކަށް އަވަސް ޝިފާއެއް ދެއްވާނދޭވެ. އާމީން ???????????? (ލޯޔަރ އައިޝަތު ހިލްމާ ސޯޝަލްމީޑިޔާ ޕޯސްޓް)
މިފަދަ ކޮންމެ ހާދިސާއަކީ މާދަމާއަށްޓަކައި ހޭލުންތެރިވުމަށް ލިބޭ އިބްރަތަކަށް ހަދަމާތޯއެވެ. ދިރިއުޅުމުގެ ތަކުލީފުތައް އުފުލޭވަރު ނެތިގެން ގާބިލު، ކާމިޔާބު އަދި ލޯބިވާ މީހާ ތާއަބަދަށް ގެއްލިނެތި ދިއުމުގެ ކުރިން އެހީގެ އަތެއް ދޭން ވަގުތުކޮޅެއް ހުސްކޮށްލުން ކީއްތޯއެވެ. އޭރަށް ހަމަގައިމުވެސް މާދަމާ "އެދުވަހު މިހެން ވި ނަމަ" ބުނަން ނުޖެހިދާނެއެވެ.

އެހީތެރިވާށެވެ….ފޮޓޯ:އައިސްޓޮކް
ޑިޕްރެޝަނަކީ ތިޔަހީކުރާވަރަށްވުރެ މާބޮޑަށްވެސް ނުރައްކާތެރި ހާލަތެކެވެ. އެފަދަ މީހަކު ވަރަށް ގާތުން ފެނި ތަޖުރިބާ ކުރެވުނަސް ނޭނގިދާނެއެވެ. އެހީތެރިވާށެވެ. ވަގުތު މާލަސްނުވަނީސް އޯގާތެރިވެދޭށެވެ. މަގު ކައްސާނުލާނެހެން އަނބުރާ އަނދިރިން އަލިކަމަށް ގެންނަން ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ކަމާ ގުޅޭ ތަޖުރިބާ ހުރި ނަފުސާނީ ޑޮކްޓަރުންގެ އެހީހޯދާށެެވެ. މާލަސްނުވަނީސް ފަރުވާ ލިބިގަތުމުގައި އެހީތެރިވެދޭށެވެ.
ޑިޕްރެޝަން، އެންޒައިޓީފަދަ މައްސަލައެއް ހުންނަ މީހަކާ ދިމާއަށް "ކަލޭ ތީ ސަމާލުކަން ހޯދަނީއޭ، ދެއްކުންތެރިކަމޭ، ހެދިގަނެގެން އުޅޭ ގޮތޭ، އީމާންތެރިކަމެއް ނެތީއޭ،" މިފަދަ ބަސްތައް ނުބުނާށެވެ. އޭނާ އެ އުފުލަމުން ދަނީ ވަރަށް ބޮޑު ވޭނެކެވެ. އެކަނިވާ ވަގުތު ސިކުނޑި ފަޅައިގެންދާވަރަށް ވިސްނައި ފިކުރުކުރެވޭއިރުވެސް އޭނާއަކަށް އެ ވޭނުން ނުކުންނާކަށް ނޭނގެއެވެ. ދިމާވެގެން އުޅޭކަމަކީ ކުޑަކަމަކަށް ވިޔަސް އެއީ އޭނާއަށް ބޮޑުކަމަކަށް ވެދާނެއެވެ.
އެއީ އޭނާގެ ހަޔާތުގައި އެދިމާވިކަަމަކީ އޭނާއަށް ވަރަށް ބޮޑު ކަމަކަށް ވެދާނެތީއެވެ. އުއްމީދުކުރި ގޮތަށް ކަންތައް ނުވުމާއި، ލޯބިވާ މީހުންގެ ވަކިވުމާއި ބަދަލުވާ ހާލަތްތަކަށް ތަބާ ނުވެވުން، ބޭކާރުކަމުގެ އިހުސާސްވުން ފަދަ ކަންތައްތަކުން އަރައި ނުގަނެވިގެން އުޅޭއިރު އެހީތެރިވުމުގެ ބަދަލުގައި ކޮއްޕާ އަނދަވަޅަކަށް ވައްޓާ ނުލާށެވެ.

