ހުޅުމާލޭގައި ކުރިއަށްދާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގޯލްޑެން ފުޓްސަލް ޗެލެންޖް”ގެ ޒޯން ބުރުގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ.
ޒޯން ހަތެއްގެ ފުރަތަމަ މެޗުގައި ޏ ފުވައްމުލަކު ދަޑިމަގު ޓީމުން ގއ އަތޮޅުގެ ޗެމްޕިއަން ކަނޑުހުޅޫދޫއާ ދެކޮޅަށް ނުކުންނައިރު ގއ. ގެ ދެވަނަ ޓީމް ގެމަނަފުށި ނުކުންނާނީ ފޭދޫ ބަލިކޮށް އައްޑޫގެ ތަށި އުފުލާލި ހިތަދޫއާ ދެކޮޅަށެވެ.
މި ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 22:00ގަ އެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑް 1ގައި ކަނޑުހުޅުދޫ – ދަޑިމަގު މެޗު ކުޅޭއިރު ގެމަނަފުށި – ހިތަދޫ މެޗު ކުރިއަށްދާނީ ގްރައުންޑް 2 ގައެވެ.
ޒޯން ހަތެއްގައި މުޅިއެކު ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ކަނޑުހުޅުދޫ، ގެމަނަފުށި، ހިތަދޫ، ފުވައްމުލަކު ދަޑިމަގުގެ އިތުރުން ގދ. ވާދޫ އެވެ. ޖެހިޖެހިގެން ތިންވަނަ ފަހަރަށް މިފަހަރު ގދ އަތޮޅު ތަށި އުފުލާލި ވާދޫ އަކީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަނަރަޕް ޓީމެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ.

