ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލޭތީ އެ މީހުން އަލުން ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ވޯޓު ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހެނދުނު 8:30 އިން މާދަމާ ހަވީރު 4:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. އިލެކްޝަނުން ފާހަގަކޮށްފައިވާ ލިސްޓުގައި 4651 މީހުން ހިމެނެއެވެ. އަލުން ރީ-ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކުގައި ރީ-ރަޖިސްޓްރީ ކުރުމަށް ރަށު ކައުންސިލާއި ސިޓީތަކުގެ އަވަށު އޮފީސްތަކަށް ފޯމު ހުށަހެޅޭނެ ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒުން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކޮށްދޭނެ ކަމަށްވެސް އިލެކްޝަނުން މައުލޫމާތުދެ އެވެ.
އިލެކްޝަންސް އިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތުގައި ބޭރު ޤައުމުތަކާއި ސިނާއީ ސަރަހައްދު އަދި ރިސޯޓުތަކުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލިއެވެ. ނަމަވެސް ކަނޑައަޅާފައިވާ މިންވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ ބައެއް ތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެހެންކަމުން އެ ތަންތަނުގައި ރަޖިސްޓްރީ ކުރި ފަރާތްތަކަށްވެސް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް އިން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާއިރު މި ފުރުޞަތުގައި ވޯޓު ފޮށި ބަހައްޓާކަން ކަށަވަރުވެފައިވާ ތަނަކަށް ރަޖިސްޓްރީ ނުކުރާނަމަ އެ ފަރާތްތަކަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށަށް ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން ބޭއްވުމަށް މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

