ދިވެހި ސަރުކާރުގެ އަމާޒަކީ ތަފާތު ވިސްނުންތައް ކުރިއަށް ނެރެ، އެންމެން އެއްބައިވެ، ގުޅިގެން ތަރައްގީގެ އާ ހަރުފަތަކަށް ރާއްޖެ ގެންދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުބާއީގައި ކުރިއަށް ގެންދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަމާޒަކީ އެންމެންގެ ބައިވެރިވުން އޮތް އަދި އީޖާދީ ވިސްނުންތައް އިސްކޮށްގެން ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ އަށް ވާސިލްވުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މަސަތްކަތް ކުރަމުންދަނީ ގުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަހައްދުން ހޯދެން އޮތް ހުރިހާ ނަފާ އާއި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ޕްލޭން ކުރެވިގެން، ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ސްޕޯޓްސް، އެޑިއުކޭޝަން އަދި ވެލްނަސް ޓޫރިޒަމް ރާއްޖެ އަށް ތައާރަފު ކުރުން ކަމަށެވެ. ފަހަކަށް އައިސް ރާއްޖެ، ޓޫރިޒަމް ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރަމުން ރައީސް ވަނީ ރާއްޖެ އިން ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ގެންގުޅޭ ޕްލޭންތައް ވެސް ހިއްސާ ކުރައްވައިފަ އެވެ.
”އަޅުގަނޑުގެ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ އީޖާދީ ވިސްނުންތަކުގެ މައްޗަށް،” މާލެ އަށް އާބާދީ ހިޖުރަކުރުން މަދުކުރަން އަތޮޅު ތެރޭގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުން ފަދަ ޕްލޭންތައް ހުރިކަން ހާމަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ޕްލޭންގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީގެ ގޮތުގައި، މާލޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއު ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކަކީ ހަމައެކަނި ސަރުކާރުން އެކަނި މަސައްކަތް ކޮށްގެން ފުރިހަމަ ކުރެވޭނެ ޕްރޮޖެކްޓުތަކެއް ނޫންކަމާއި އޭގެ ބަދަލުގައި އެކަންކަން ފުރިހަމަ ކުރުމުގައި ގިނަ ގައުމުތައް އެކުވެގެން ކުރެވޭ މަސައްކަތާއި ދޭދޭ ގުޅުންތަކާއި އަމިއްލަ ވިޔަފާރިތަކުން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް، އެކުވެރި އަރަބި އިމާރާތަށް ކުރައްވާ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

