ފަހަކަށް އައިސް ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި އޮޅުވާލައިގެން ކޮންމެވެސް މީހެއް ފޭރިގަނެފައިވާ ހަބަރެއް އޮންނަތަން ވަރަށް ގިނައިން އެބަފެނެއެވެ. މިއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ.
މީގެ އަހަރުތަކެއް ކުރިން ޖަލުގައި ތިބޭ ގައިދީން ޖައްސަމުން އައި ކުދި ކުދި ރީލޯޑު ސްކޭމްތަކުން ފެށި މިކަންތައް މިހާރު ބޮއްސުންލައިފިއެވެ. މީހުންގެ އެކައުންޓުތައް މުޅިންހެން ދޮވެލަނީއެވެ.
މި ދައްކަނީ އެއްހާސް ދެހާސް ރުފިޔާގެ ވާހަކައެއް ނޫނެވެ. ފާއިތުވެދިޔަ އަހަރު އެކަނިވެސް ސްކޭމްގެ ތަފާތު 971 މައްސަލައެއްގައި 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ފުލުހުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.
އިހަކަށްދުވަހު ނޫސްތަކުގެ ސުރުޚީތަކަށް ބަންޑުން ކޮށްލީ ހުވަދު އަތޮޅު ރަށެއްގެ މީހެއްގެ އެކައުންޓު ދޮވެލި ހަބަރެވެ. އެ ހަބަރުގެ ތާޒާކަން ނުކެޑި އުޅެނިކޮށް ދެން ފެނިގެންދިޔައީ މީހެއް އަތުން ބައި މިލިއަނެއްހާ ރުފިޔާ ފޭރިގަނެގެން އުޅޭ ހަބަރެވެ.

ދައްކަން މިއުޅޭ ވާހަކަ އަކީ އެކި ޒާތްޒާތުގެ ސްކޭމްތައް ދިވެހިންގެ ތެރޭގައި އާއްމުވެފައިވާ މިންވަރެވެ.
އޮޅުވާލައިގެން ފައިސާ ފޭރެމުންދާ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ އިރު މިކަން ހައްލުވާން އޮތީ ކޮންގޮތަކުން ހެއްޔެވެ؟ ދިވެހިންގެ ފައިސާތައް ރައްކާކޮށްފައި ހުންނަ ބޭންކުތަކުގެ އުސޫލުތައް ހަރުދަނާކޮށްގެން ހެއްޔެވެ؟
ނޫނީ ދިވެހިންގެ ރައްކަލަކަށް ތިބި ފުލުހުން މިހާރަށްވުރެ ހަރުކަށިވެގެން ހެއްޔެވެ؟
އޮޅުވާލައިގެން ފައިސާ ފޭރިގަންނަ ބައިގަނޑުގެ މީހުން ޖައްސާ މަޅީގައި ނުޖެހުމަށް ދިވެހި ފުލުހުން އަބަދުމެ އިލްތިމާސްކުރެ އެވެ. މަކަރުވެރިއެއްގެ މަޅިއެއްގައި ޖެހި މީހެއްގެ އެކައުންޓު ހުސްވެގެންދިޔައީމަ އެމީހެއްގެ ޙާލަތާއި މެދު އަޅުގަނޑުމެން ދެރަވެ ހަމްދަރުދީވަމެވެ.
އެކަމުގައި ފިޔަވަޅު އަޅަންޖެހޭ މީހާ އަށް އަދަބުދީ ހަދަން ވެސް ގޮވާލަމެވެ.

ބުރަ މަސަތްކަތުން ހޯދާ ފައިސާ ސިކުންތުކޮޅެއްގެ ތެރޭގައި ބީވެގެންދާއިރު އެހާ ފަސޭހައިން ސްކޭމަރުންގެ މަޅީގައި މިޖެހެނީ ކީއްވެގެންތޯ ސުވާލުކޮށްލަން އެބަޖެހެ އެވެ.
އަބަދުމެ ޓީވީތަކުން އެ ފެންނަނީ ފޯނަށް އަންނަ އޯޓީޕީ ކޯޑުތައް އެހެން މީހުންނާއި ހިއްސާނުކުރަން ގޮވާލައި ގެނެސްދޭ އިޝްތިހާރުތަކެވެ. މި އިޝްތިހާރުތަކުން ވާ ފައިދާއެއް އޮވޭ ހެއްޔެވެ؟
ކޮންމެއަކަށް ވަރަށް ބައިވަރު ސުވާލުތަކެވެ. ސުވާލު ތަކުގެ ޖަވާބުތައް ހޯދޭތޯ ކިތައްމެ ވަރަކަށްވެސް ބަހުސް ކުރެވިދާނެ އެވެ.
ވިސްނާލަން ޖެހޭ ވަރަށް ނުވިސްނައި ކުރެވޭ ކުޑަ ކުޑަ ކަމަކުން މަކަރުވެރީންގެ މަޅީގައި ޖެހި އުމުރު ދުވަހު އެއްކުރި ފައިސާކޮޅު ގެއްލިގެންދަނީ އެވެ.

