ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ ތެރޭގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ފައިލޭރިއާ ސްކްރީނިންގް ޕްރޮގްރާމެއް ހުކުރު ދުވަހު ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ނިންމައިފިއެވެ.
ފައިލޭރިއާ ސްކްރީނިންގް ޕްރޮގްރާމް ކުރިއަށްގެންދަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ރެޑް ކްރެސެންޓް، ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން ކައުންސިލްތަކުން ބައިވެރިވުމާއެކުއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މި ސްކްރީނިންގް ކުރިއަށްގެންދިއުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ. ސްކްރީނިންގް ގައި ބައިވެރިކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް، ގުރުއަތުން ހޮވައިލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީންނެވެ. ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެން ކަމަށާއި މި ޓެސްޓްގެ ނަތީޖާ 10-15 މިނެޓް ތެރޭގައި ލިބޭނެކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެ އެވެ.
އެޗް.ޕީ.އޭއިން އިތުރަށް މައުލޫމާތުދޭ ގޮތުގައި މި ޓެސްޓު ހެދުމަށްފަހު ފައްސިވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ޞިއްޙީ ޚިދުމަތްތެރިއެއްގެ ބެލެމުގެ ދަށުން ދެވޭނެ ކަމަށެވެ. މި ބޭސް ކާންޖެހެނީ އެއްފަހަރުއެވެ. ޕޮސިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު، އެމީހުންގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުންވެސް ހުއްޓުވޭނެއެވެ.
މި ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން ހަވީރު 4.00 އިން ރޭގަނޑު 9.00 އާ ދެމެދުގެ ވަގުތެއްގައި ޒިޔާރަތް ކުރާނެކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެ އެވެ.
ފައިލޭރިއާއަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މި ބަލީގެ ކޭސްތަކެއް އަލުން ވަނީ ފެނިފައެވެ. މިހާތަނަށް މި ބައްޔަށް ފައްސިވެފައިވާ 32 މީހަކު ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ.

