ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޞާން މަހަށް ވުމާއިއެކު އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ރޯދަމަހަށް ގިނަ އަދަދެއްގެ މުދާ ރާއްޖެއަށް އެތެރެކުރާނެ ކަމަށް ބަލައި، އެ މުދާތައް ކްލިއަރ ކުރުމަށް އިތުރުވެހިކަލް ތަކާއި އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) އިން ތައްޔާރުވެއްޖެއެވެ.
ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުންވެސް އަދި ރޯދަމަހުގައިވެސް ގިނައިން ރާއްޖެއަށް އެތެރެކުރަނީ ކާބޯތަކެތި ކަމަށްވުމުން މި ތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރުމަށް ހުރިހާ ވިޔަފާރި ވެރިންވެސް ބޭނުންވެއެވެ. އެކަމަށް ހައްލު ގެނައުމަށް މުދާ އަވަހަށް ކްލިއަރ ކުރެވޭނެ ގޮތްތައް ހޯދައި އެކަންކަމަށް އެމްޕީއެލުން ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން މިކަމަށް ޙާއްސަކޮށްގެން އިތުރު 5 ފޯކްލިފްޓް ވަނީ އެމްޕީއެލްގެ ވެހިކަލްތަކަށް އިތުރުކޮށްފައެވެ. ފަހުގެ ފޯކްލިފްޓްތަކަށް ވުމުން މަސައްކަތް ކުރުމުގައި މުވައްޒަފުންނަށް ފަސޭހަވެ އަވަސް ވާނެކަމަށް އެމްޕީއެލުން ދެކެއެވެ. އަދި މުދާ ކްލިއަރ ކުރުމުގައި މިހާރާއި އަޅައި ބަލާއިރު ދެގުނަ އަވަސް ވާނެއެވެ.

ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ހިދުމަތެއް ދިނުމަކީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެންމެ ގިނައި ދައްކާ ވާހަކަފުޅުކަމުން، މިމަގުން މަސައްކަތް ކުރުމަށް އެމްޕީއެލް އަބަދުވެސް ތައްޔާރަށް އޮންނެވި ކަމަށް އެކުންފުނީގެ ސީއީއޯ ވަނީ މީގެ ކުރިން އެކިއެކި އިންޓަވިއު ތަކުގައި ވިދާޅުވެފައެވެ.

