ހދ ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.
ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 4 މަގެއްގައި ތާރު އަޅާނިމި، އެމަގުތަކާއި ގުޅޭ ގޯޅިތައް އަދި މަގުތަކުގައި ބެލްމައުތް އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ރޯޑް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުށި އިތުރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އޭގެ އިތުރުން ދުވާރުގެ މަސައްކަތްތަކާއި، ދުވާރު ކައިރީގައި ޖަހާ ކާރބް ސްޓޯންޖެހުމާއި ކޮނެގެން ކުރަންޖެހޭ މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރްޑީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މަގުތަކުގެ ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުން ކަމުގައި އާރްޑީސީން މައުލޫމާތުދީފައިވެއެވެ.

ކުޅުދުއްފުށީ މަގުތައް ބާރްސްޕީޑުގައި މަސައްކަތް ކުރަމުން ދާއިރު އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައެވެ.

