ޗައިނާގެ ޝިއަމަން އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.
ޝިއަމަން އެއާ އިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޝިއަންމެން ސިޓީ އިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.
ޝިއަމަން އެއާ އިން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކުރެއްވީ މިދިޔަ ޖެނުއަރީ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ދަތުރުފުޅުގެ ތެރެއިން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި، ވަރަށް ގިނަ ކާމިޔާބީތައް ލިބިގެންދިޔަ ކަމަށާއި ޑައިރެކްޓް ފުލައިޓުތައް އިތުރުކުރުމަށްޓަކައި ވެސް ވަރަށް ގިނަ މަޝްވަރާތައް އެންމެ މަތީ ލެވެލްގައި ކުރެވިގެންދިޔަ ކަމަށެވެ.
ޝިއަމަން އެއާގެ ފުރަތަމަ ފްލައިޓް ރާއްޖެ އަށް ޖެއްސީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. ފުރަތަމަ ފުލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.
ޝިއަމަން އެއާ އިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތަކެކެވެ. އެ އެއާލައިންގެ ފުރަތަމަ ފުލައިޓުން ރާއްޖެއަށް 230 ފަތުރުވެރިން ވަނީ އައިސްފައެވެ. މި އެއާ ލައިނާއެކު ޗައިނާ އިން ރާއްޖެ އަށް ދަތުރު ކުރާ އެއާ ލައިންތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. އެއީ ޝިއަމަން އެއާގެ އިތުރުން ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން އެއާލައިންސް އަދި ސިޗުއާން އެއާލައިންސް އިންނެވެ.
ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

