ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް ) އިން ދޫކުރާ ލުއި ލޯނާއި އިސްލާމިކް ޕާސަނަލް ފައިނޭންސިންގް ފެސިލިޓީ ވަގުތުން އެޕްރޫވްކޮށްދީ ގިނަ ވެގެން ހަތަރު ގަޑިއިރު ތެރޭ ފައިސާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާ ކޮށްދޭން އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލް އިން ވިދާޅުވީ، އެ ބެންކުން ދޭ ލުއި ލޯނަށް އިތުރު ކުރި ” އިންސްޓަންޓް އެޕްރޫވަލް ” ފީޗާއާއެކު ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިންގް އެޕް މެދުވެރިކޮށް އެ ކަސްޓަމަރަކަށް ކްރެޑިޓުގެ ގޮތުގައި ބެންކުން ނެގެން އިންނަ އަދަދު ފެންނާނެ އެވެ. މި އަދަދަކީ ބެންކުން ކުރިއަށްގެންދާ ކްރެޑިޓް އެވަލުއޭޝަނަކަށްފަހު ކަނޑައަޅާފައި އިންނަ އަދަދެކެވެ. ކްރެޑިޓް ލިމިޓު ހިޔާރުކޮށް، ކަނޑައަޅާފައިވާ ލިމިޓަށް ފައިސާ ނުވަތަ ކްރެޑިޓް ކާޑު ނެގުމުގެ އޮޕްޝަން ލިބޭނެ އެވެ. މި އޮޕްޝަނުން ލޯނު ހިޔާރުކުރުމުން، އެ ކަސްޓަމަރަކީ ލޯނަށް އެލިޖަބަލް ކަސްޓަމަރެއް ނަމަ ވަގުތުން ލޯނު ލިބޭނެ އެވެ.
ލޯނަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ ބަރާބަރަށް 12 މަސް ދުވަހުގެ މުސާރަ އެކަންޓަށް ޖަމާވެފައިވާ، މީގެ ކުރިން ނަގާފައިވާ ލޯނެއްގައި މައްސަލައެއް ނުޖެހި ފައިސާ ދައްކާފައިވާ ކަސްޓަމަރަކަށް ވާނެ ޖެހޭނެ އެވެ.
ބީއެމްއެލް ލުއި ލޯނަކީ 1.2 މިލިއަން ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާއި ގެރެންޓަރަކާ ނުލައި ނެގޭ ލޯނެކެވެ. މި ލޯނުގެ ފައިނޭންސިންގް ރޭޓަކީ 15 ޕަސެންޓެވެ. ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ފަސް އަހަރު ލިބެއެވެ.

