މާބޮޑަށް ފަލަވެ މީހާގެ ބުރުސޫރަ ގެއްލި ހެލިފެލިވެ އުޅުމަށް ދަތިވެ މީހުންގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހިފައިވާ އެތައްބަޔަކު މި މުޖުތަމައު ގައި ތިބިކަމީ ހިތާމަހުރި ކަމެކެވެ. ރީތިބައްޓާމަށް ފަހާފައިވާ ހެދުންތަކާއި އުސްރީތި ފައިވާންތައް ފެނި ދެރަވެއެވެ.
އޮފީސްމާހައުލުގައްޔާއި ގެއިން ބޭރަށް މީހުންގެ ތެރޭގައި ނުކުމެ އުޅޭ އިރު ބާކީކޮށް ހަނގާކޮށް ޑިޕްރެޝަންގެ ޝިކާރައަށް ވާ މީހުންގެ އަދަދު ނިސްބަތުން ގިނައެވެ.
ހިކެން ބޭނުންވީ ނަމަވެސް ދިރިއުޅުމުގައި ދިމާވާ އެކި ސަބަބު ތަކާއިހުރެ އެކަން ކުރުމަށް ނުކުޅެދޭ އެތައް ބަޔަކު އެބަތިއްބެވެ. ހިކެން ބޭނުންވިޔަސް ނުވާނެކަމެއް ކަމަށް ޤަބޫލުކުރާ އެތައް ބަޔަކު އެބަތިއްބެވެ. ބަރުދަން ލުއިނުވާ މައިގަނޑު ބައެއް ސަބަބުތައް ބުނެދެން ހެއްޔެވެ؟
ކާބޯހައިޑްރޭޓް ހިމެނޭ ކާނާ މާގިނައިން ބޭނުންކުރުން:
ކާބޯހައިޑްރޭޓް ނުވަތަ ކާބްސް އަކީ ހަކުރު މޮލިކިއުލްތަކެކެވެ. ޕްރޮޓީންއާއި، ފެޓްސްއާއި، އެކު ހިމެނޭ ކާބޯހައިޑްރޭޓްސް އަކީ ކާނާ އާއި ބުއިންތަކުގެ ތެރޭގައި ހިމެނޭ މެކްރޯނިއުޓްރިއެންޓްގެ ވައްތަރެކެވެ.
ހަކުރު ސްޓާޗް އަދި ފައިބަރ އަކީ ކާބޯހައިޑްރޭޓްސް އެވެ. އެހެން މެކްރޯނިއުޓްރިއެންޓްތަކުގެ ތެރޭގައި ފެޓްސް އަދި ޕްރޮޓީން ހިމެނެއެވެ.
ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް މި މެކްރޯނިއުޓްރިއެންޓްސް ބޭނުންވެއެވެ. އާދައިގެ ހަނޑުލުގެ ބަތާއި، ރޮށި، ޕާސްތާ،އާއި ނޫޑްލިސް ފަދަ ކާތަކެތި ބޭނުންކުރުން މަދުކޮށް ހޯލްގްރޭން ބުރޭންޑްގެޕާސްތާ އާއި ބުރައުންރައިސް ،އާޓާފުށާއި ކައްޓަލަ، ބަރަބޯ، ފަދަ ސިއްޙަތަށް ފައިދާ ހުރި ކާބް އަށް ބަދަލުކޮށްލުން ރަގަނޅެވެ.

ރޭގަނޑުގެ ނިދި ލަސްކުރުން:
ރޭގަނޑު ދަންވަރު ހޭލާ ހުރުމަކީ ސިއްޙަތަށާއި ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރު ކުރާކަމެކެވެ.
ލަހުން ނިދުމުގެ ސަބަބުން ދާއިމީ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޤަވާއިދުން ނިދުމުގެ ޝެޑިއުލް ބެލެހެއްޓޭ ފަރާތްތައް ދުޅަހެޔޮ ސިއްޙަތެއް ގައި ދެމި ހުރުމަށް އެހީތެރިވެއެވެ. ލަހުން ނިދުމުގެ ސަބަބުން މެޓަބޮލިޒަމް ދަށްވެ ގިނަ ވަގުތު ބަނޑުހައިކަން އިހުސާސްވެއެވެ.
ރޭގަނޑު ލަހުން ކެއުމަކީ މީހާ ފަލަވެ ސިއްޙީ އެތަކެއް މައްސަލަތަކާއި ކުރިމަތިލާން ޖެހޭކަމެކެވެ. ރޭގަނޑު 7 ގެ ކުރިން ކެއުމަކީ ރަގަނޅު ގޮތްކަމަށްވެއެވެ. އަވަހަށް ނިދާފައި ފަތިސްނަމާދަށް ހޭލުމުން މީހާގެ ރޫހު ތާޒާވެ، ދުވަހުގެ މަސައްކަތްތައް ކުރުމަށް ހަކަތަ އާއި ވަގުތު ލިބިގެން ދާނެއެވެ.

ކަންތައްތަކާ މާބޮޑަށް ހާސްވެ ކަންބޮޑުވުން:
ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. ދިރިއުޅުމުގެ ކަންތައްތައް އަބަދު އެއްގޮތަކަށް އޮންނާނެ ކަމަށް ހީނުކުރާށެވެ. ދިމާވާ ކަމަކުން ދިރިއުޅުން މަތިން ފޫހިވެ މާޔޫސްވުމުގެ ސަބަބުން މާގިނައިން ކާހިތްވެ މީހާގެ ބަރުދަން އިތުރުވެއެވެ.
ހެޔޮއަމަލުކޮށް ކަސްރަތު ކުރުމާއި އެކު ފައިދާހުރި ކާނާކެއުމުގެ ސަބަބުން ސްޓްރެސް ދަށްވެއެވެ.
މިއަދުން ފެށިގެން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލާށެވެ. ދަޅުގައި ބަންދުކޮށްފައިހުންނަ ކޫސަނި ކާނާކެއުން ދޫކޮށް ހަށިގަނޑަށް ފައިދާ ހުރި ކާނާކާން ފަށާށެވެ.
ހެޔޮއަމަލުތަކަށް މަގުފަހިވާ ކަންތައްތަކަށް އިސްކަންދީ ހެލިފެލިވެ އުޅޭށެވެ. ވިސްނުން ބަދަލުކުރުމަށް ފަހު ފަށާށެވެ. ވާނެއެވެ. ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

