ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ މުބާލް އައްޒާމާއި މުހައްމަދު ރިހާން ޝިހާމް، ގައުމީ ރެކޯޑްތަކެއް އާކޮށްފިއެވެ.
ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުން މުޙައްމަދު ރިހާން ޝިހާމް ވަނީ ގައުމީ ރެކޯޑު އާ ކޮށްފައެވެ. ރިހާން ގައުމީ ރެކޯޑް އާކޮށްފައިވަނީ 04:31.96 އިން ރޭސް ނިންމައިގެންނެވެ. 400 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި މުބާލް އެވެ. އެފަހަރު މުބާލް މި އިވެންޓް ނިންމާފައިވަނީ 04:48.44 އިންނެވެ.
މުބާލްގެ ރެކޯޑެއް ރީހާން މުގުރާލި ނަމަވެސް މުބާލް ވެސް ވަނީ މި މުބާރާތުގައި ރެކޯޑެއް ހަދައިފައެވެ. ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މުބާލް އާކޮށްފައިވަނީ 01:14.58 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް މުބާލެއެވެ. އެއީ މިދިޔަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 01:14.73 އިން ރޭސް ނިންމައިގެންނެވެ.
ރިހާން އަދި މުބާލް ގައުމީ ރެކޯޑުތަކެއް ހެދިއިރު ރާއްޖޭގެ ފެތުންތެރިޔާ ހަނާން ހުސެއިން ހަލީމް ވެސް ވަނީ އޭނާގެ އަމިއްލަ ގައުމީ ރެކޯޑެއް އާކޮށްފައެވެ. ހަނާން ގައުމީ ރެކޯޑް އާކުރީ ތައިލެންޑުގެ ފުކެޓްގައި ކުރިއަށް ދިޔަ ދަ ފެޑެރޭޝަން އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސްއިން އޭޝިއާ (ފޮބިސިއާ) ސްވިމިންގް އިންވިޓޭޝަނަލް 2024 މުބާރާތުގައި ވާދަކޮށް ލޯންގް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގައި 00:32.00 އިން ރޭސް ނިންމައިގެންނެވެ.

